ދުނިޔޭގެ އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގައި ގުނާލެވޭ ޓްވިޓާ ގަތުމަށް، މަހުޖަނު އީލޯން މަސްކު ހުށަހަޅާފައިވާ ބިޑް ކާމިޔާބު ކުރެވިއްޖެނަމަ، އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ޓްވިޓާއިން ބޭރު ކުރުމަށް ނިންމާފައި ނިންމުން ބާތިލު ކުރާނެ ކަމަށް މަސްކު ބުނެފިއެވެ.

ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މީހާގެ ލަގަބު އޮތް މަސްކު، 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމަށް، އެ ކުންފުނީގެ ބޯޑާ ދެމެދު އެއްބަސްވީ ހުސްވި މަހުއެވެ. ނަމަވެސް އެއީ އަދި މުޅިން "ފައިނަލް ނުވާ" ޑީލްއެއް ކަމަށާ، އެކަން މުޅިން ނިމޭނީ ދެތިން މަސްދުވަހުގެ ތެރޭގައި ކަމަށްވެސް މަސްކު ވަނީ ބުނެފައެވެ.

ފައިނޭންޝަނަލް ޓައިމްސް ފިއުޗާ އޮފް ދަ ކާ ސަމިޓްގައި ވާހަކަދައްކަމުން މަސްކު ބުނީ، ޓްވިޓާއިން ޓްރަމްޕް ބޭރު ކުރުމަށް ނިންމި ނިންމުމަކީ އެކަމުގެ ރުހީ އަހުލާގިއްޔާތަށް ބަލާއިރު ނުރަނގަޅު އަދި ދޯހަޅި ނިންމުމެއް ކަމަށެވެ.

އެމެރިކާގެ ކެޕިޓޮލް ބިލްޑިންގްގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، ހަމަނުޖެހުން އުފައްދަން ހިތްވަރު ދިނުމުގެ ނުރައްކާ އޮތް ކަމަށް ބުނެ، ޓްވިޓާ ޕްލެޓްފޯމުން ދާއިމަށް ޓްރަމްޕް ސަސްޕެންޑްކޮށް، އެކަން އިއުލާން ކުރީ ޖެނުއަރީ 2021 ގައެވެ.

އޭނާގެ ކޮންޓްރޯލްގެ ދަށަށް ޓްވިޓާ ގެންދިއުމަށް ކުރާ މަސައްކަތް ކާމިޔާބު ވެއްޖެނަމަ، ޓްރަމްޕް ބޭރު ކުރުމަށް ނިންމި ނިމުން ބާތިލު ކުރާނެ ކަމަށް މަސްކު ބުނި ކަމުގައި ވީ ނަމަވެސް، ޓްރަމްޕް މީގެ ކުރިން ވަނީ، އޭނާގެ އެކައުންޓް އަލުން ދިން ކަމުގައި ވީ ނަމަވެސް އެ ޕްލެޓްފޯމަށް އެނބުރިވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ޓްވިޓާއިން ޓްރަމްޕް ބޭރު ކުރުމާއެކު، އޭނާ ވަނީ އަމިއްލަފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ތައާރަފު ކުރައްވާފައެވެ. ނަމަވެސް އެ ޕްލެޓްފޯމަށް ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒު ވެފައެވެ.