ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުމުގެ ފަހަތުގައި ހުންނެވި މޭސްތިރިއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ފަރާތުން މާލޭގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު ކަމަށް ވާދަކުރައްވާ ފާތިމަތު ނާޒިމާގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ވިލިމާލޭގައި މިއަދު ހަވީރު ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، މައުމޫން ހައްޔަރު ކުރައްވަން ޖެހިވަޑައިގަތް ސަބަބުގެ ހަގީގަތް ރައްޔިތުންނަށް އެނގިވަޑައިނުގަންނަވާތީ އެކަންކަން ސާފުކޮށް ދެއްވަން ބޭނުންފުޅުވާ ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި މައުމޫނު ހައްޔަރުކުރީ ކުށެއް ނުކުރައްވައި ހުންނަވަނިކޮށް ނޫން ކަމަށާއި އެމަނިކުފާނު ހައްޔަރު ކުރެއްވީ ސުޕްރީމް ކޯޓްގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތެރޭގައި އެންމެ އިސް މޭސްތިރިއަކަށް ހުންނެވުމުން މަޖުބޫރުވެވަޑައިގެން ކަމަށް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދުވެސް އަޅުގަނޑުގެ ރައްޔިތުންގެ އަރިހު މާފާއެކު ދަންނަވާލަން ބޭނުންވޭ، ރައީސް މައުމޫން ހައްޔަރު ކުރީ ރައީސް މައުމޫން ކުށެއް ނުކުރައްވާ ހުންނަވައިގެނެއް ނޫން. އަޅުގަނޑުގެ ހައްގަކަށް އަރައިގަނެގެނެއް ނޫން. ރައްޔިތުންގެ ހައްގަކަށް އަރައިގަނެ ސުޕްރީމް ކޯޓްގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތެރޭގައި އެންމެ އިސް މޭސްތިރިއަކަށް ހުންނެވި ހުންނެވުމާއި އެކީގައި ދައުލަތަށް މަޖުބޫރުވީ. އަޅުގަނޑުގެ އަމިއްލަ ނިންމުމެއް ނޫން އެއީކީއެއް،"
އަބްދުﷲ ޔާމީން

އެ ނިންމުން ނިންމަވަން މަޖުބޫރުވީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން އެ ގޮތަށް ކަނޑައެޅުމުން ކަމަށް ޔާމީން ވިދާޅުވިއެވެ. ދައުލަތުގެ ވަޒީރުންނާއި އެމްއެންޑީއެފްގެ ޗީފް އަދި ވައިސް ޗީފް ވެސް އިންނަވާ އެ ކޮމިޓީގެ ނިންމުމާ އެއްގޮތަށް މައުމޫން ހައްޔަރުކުރީ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ގާތް މީހެއް ކަމަށް ވިޔަސް މުޅި ދައުލަތުގެ ހައްގަކަށް އަރައިގަންނަ ހިސާބުން އެ ވަގުތު ދައުލަތް ހިންގަން ހުންނަ ބޭފުޅަކު ރައްޔިތުންގެ ހައްގުގައި ފިޔަވަޅު އަޅުއްވަން ޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ، އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ މީހަކު ދޫކޮށްލުމަށެވެ. އަދި، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު ކަނޑައަޅާފައިވާ 12 މެމްބަރުން އެ މަގާމުން ވަކި ނުވާ ކަމަށް ވެސް ކަނޑައެޅި އެވެ. އެ އަމުރާއެކު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެންމެ ފުރަތަމަ ހައްޔަރުކުރި ބޭފުޅަކީ މައުމޫނެވެ.

ރައީސް މައުމޫން ހައްޔަރު ކޮށް 8 މަސް ދުވަހަށް ވުރެ ގިނަ ދުވަސްވަންދެން ޖަލުގައި ބެހެއްޓި އިރު އެމަނިކުޔފާނުގެ މައްޗަށް ވަނީ ގިނަ ދައުވާތަކެއް ވެސް އުފުލާފައެވެ. އޭގެތެރެއިން ބައެއް ދައުވާތައް ސާބިތުވާ ކަމަށް ނިންމާ ޖަލު ހުކުމް އިއްވައި، އެމަނިކުފާނަށް ދީފައި އޮތް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް ބާތިލު ކުރިއެވެ. ނަމަވެސް 2018 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިވުމާއެކު ރައީސް މައުމޫން މިނިވަން ކުރުމަށް ކޯޓުން ވަނީ ހުކުމް ކޮށް، އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމްތައް ބާތިލު ކުރިއެވެ.