އަރަބިއްޔާ ސްކޫލް އަޅަން ބާ ޖަމާލުއްދީންގެ އިމާރާތް ތަޅާލަން ބަޔަކާ ހަވާލު ކޮށްފިއެވެ.

އެ އިމާރާތް ތަޅާލަން ހަވާލުކޮށްފައި ވަނީ ވެލް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. ދައުލަތުގެ ބަޖެޓުން 2.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ 75 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މިކަމުގެ އެއްބަސްވުމުގައި ދެފާރާތުން ސޮއި ކުރުމުގެ ރަސްމިއްޔާތު ބޭއްވީ އެޑިއުކޭޝަން މިނިސްޓްރީގައެވެ.

1000 އެއްހާ ދަރިވަރުން ކިޔަވަމުންދާ އަރަބިއްޔާ ސްކޫލްގެ އިމާރަތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެ ކުދިން ބަދަލު ކުރަން އެޑިއުކޭޝަން އިން ފުރަތަމަ ހަމަޖެއްސީ އިއްޒުއްދީން ސްކޫލަށެވެ. ނަމަވެސް އެ މައްސަލާގައި ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށް އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުން ބަދަލުކޮށް ދިނުމަށް އެދިފައެވެ. އަދި އެ މައްސަލާގައި ހުރި ކަންބޮޑުވުންތައް ބަޔާންކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއްވެސް ފޮނުވާފައި ވެއެވެ.

އެ މައްސަލާގައި އަރަބިއްޔާގެ ޕީޓީއޭއިން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ރައީސާ ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ދެރަގޮތެއް ނުވާނެ ކަމުގެ ޔަގީންކަން ދެއްވައި، އެ ސްކޫލަށް ބާ ޖަމާލުއްދީންގެ ބިން ހަމަޖައްސައި ދެއްވާފައެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަރަބިއްޔާގައި ކިޔަވާ ދަރިވަރުންގެ ކްލާސްތައް ވަނީ މި ސެމިސްޓާއިން ފެށިގެން، ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތަށް ބަދަލު ކޮށްފައެވެ.

މި އިމާރާތް ނިމި، އެތަނަށް ބަދަލު ވެވެންދެއް އަރިބިއްޔާ ސުކޫލުގެ ދަރިވަރުން ވަގުތީގޮތުން ކިޔަވަމުން އަންނަނީ އެމްޓީސީސީ ސޯމިލް އިމާރާތުގައެވެ. ބާ ޖަމާލުއްދީންގެ އިމާރާތް، އެންމެފަހުން ބޭނުން ކުރަމުން އައީ އިލެކްޝަން ކޮމިޝަންގެ އިންތިހާބީ މަރުކަޒުގެ ގޮތުގައެވެ.