މ. ކޮޅުފުށީ ކައިރީގައި ދެ ދޯނި ކައިރިކޮށްގެން އުޅެނިކޮށް ދެ ދޯނި ދޭތެރެއަށް ވެއްޓުނު މީހަކު ފިތިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގައިގެން އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހަވިރު 4:41 ހާއިރު ކަމަށެވެ. އަދި މި ހާދިސާގައި ދެ ދޯނި ދޭތެރެއަށް ފިތުނު މީހާ ނަގައިގެން މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެމީހާ ވަނީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލާ ހަވާލީ ފުލުހުން ބުނެއެވެ.

މި ހާދިސާގައި މަރުވެފައި ވަނީ ދިވެހި ފިރިހެނެކެވެ.

މި ހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށް ބުނެއެވެ.

މި ހާދިސާގައި އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލާއި އެމީހާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ.