ރަށްރަށުގެ ތަރައްގީއާއި ތިމާވެއްޓެށީގެ ކަންކަމަށް އަމާޒުވާ ގޮތަށް މުޖުތަމައަށް ފައިދާކުރަނިވި ޕްރޮޖެކްޓްތައް ހިންގުމަށް ބީއެމްއެލުން ދޭ "ސްމޯލް ގްރާންޓް" އަށް ހުށަހެޅަން ބާކީ އޮތީ ފަސް ދުވަސް ކަމަށް ބީއެމްއެލުން ބުނެފިއެވެ.

ބީއެމްއެލް ސްމޯލް ގްރާންޓްސް ފަންޑަކީ ޖަމިއްޔާތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެއްޓެށީގެ ކަންކަމަށް އަމާޒުވާ މުޖުތަމައަށް ފައިދާކުރަނިވި ޕްރޮޖެކްޓްތައް ހިންގުމަށް އެ ބޭންކުން ދޭ އެހީއެކެވެ. މި ފަންޑަށް ހުށަހެޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން 8 ޕްރޮޖެކްޓް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއިން ކޮންމެ ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް 250،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވެފައި ވަނީ ބީއެމްއެލްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން 5 ވަނަ ހަރަކާތެއްގެ ގޮތުގައި މި ތައާރަފްކުރި ހަރަކާތަކީ ސްމޯލް ގްރާންޓްސް ޕްރޮޖެކްޓް ކަމަށެވެ. އެއީ ހިލޭ އެހީގެ ދަށުން ކުދި އަދި މެދު ފަންތީގެ މުޖުތަމައަށް ފައިދާކުރަނިވި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގޭ ޕްެރޮޖެކްޓްތަކަށް އެހީތެރިކަން ދިނުމަށް ހިންގާ ހަރަކާތެއް ކަމަށް ޓިމް ސޯޔާ ވިދާޅުވެފައި ވެއެވެ.

މި އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަުހގެ 15 ވަނަ ދުވަހެވެ.

މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހަރަކާތެކެވެ.