ކުޑަކުދިންނަކީ މުސްތަގުބަލު ކަމަށާއި، އެ ކުދިންނަށް ރައްކާތެރިކަން ދީ އަޅާލަން ޖެހޭ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.

އިނގިރޭސިބަހުން ކުރެއްވި އެ ޓްވީޓުގައި ރައީސް ވިދާޅުވީ، މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކުރާއިރު، އެ ކުދިން ރަނގަޅު ގޮތުގައި ހެދި ބޮޑުވުމަށްޓަކައި އެ ކުދިންނަށް ރައްކާތެރި، ލޯބި ދެވޭނެ ފަދަ މާހައުލެއް ގާއިމް ކުރުމަށްޓަކައި މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކުޑަކުދިންނަކީ އަޅުގަނޑުމެންގެ މުސްތަގްބަލު، އަޅުގަނޑުމެން އެ ކުދިންނަށް އަޅާލައި ރައްކާތެރިކަން ދޭން ޖެހޭ." ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮންމެ އަހަރަކުވެސް ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ މޭ މަހުގެ 10 ގައެވެ. ކޮންމެ އަހަރަކުވެސް މި ދުވަސް ކުލަގަދަކޮށް ސްކޫލްތަކުގައި ފާހަގަކުރެއެވެ. އަދި މި ދުވަހުގެ މުނާސަބަތުގައި އެކި މުއައްސަސާތަކުން ކުޑަކުދިންގެ ހަވީރާއި ހާއްސަ އެހެނިހެން ހަރަކާތްތައްވެސް ބާއްވައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ނޮވެންބަރު 20 ގައެވެ. ކުޑަކުދިންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 1954 ވަނަ އަހަރުގައެވެ.