މާލޭގައި 12 އަހަރުގެ އަންހެން ކުއްޖެއް ރޭޕް ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، މި މަހުގެ 7 ވަނަ ދުވަހު މާލޭގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށް ރޭޕްކޮށްފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި މި މައްސަލަ ފުލުހުންނާއި ޖެންޑާއާ ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.

ބައެއް މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި މި މައްސަލައިގައި ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ފިރިހެން މީހާއަކީ އެ ކުއްޖާގެ މަންމަގެ ލޯބިވެރިޔާއެވެ. އަދި އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރާ ތާ މިއަދާ ހަމައަށް ދެ އަހަރުވެފައިވާ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ކުޑަކުދިން ހިމެނޭ މިފަދަ މައްސަލަތަކުގައި ކުޑަކުއްޖާގެ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން އެކުއްޖާ އައިޑެންޓިޓީ ދެނެގަނެވޭނެ ފަދަ މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އަނިޔާއެއް ދިނުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެވެ.