ޗައިނާގެ އިދާރީ ދާއިރާއެއްގެ ގޮތުގައި އެ ގައުމުން ކޮންޓްރޯލް ކުރަމުން އަންނަ ހޮންގްކޮންގްގައި ޑިމޮކްރަސީ ގާއިމު ކުރުމަށް ގޮވާލާ، ކުރިއަށް ގެންދިޔަ މުޒާހަރާތަކާ ދެކޮޅަށް ހިންގި ހަރަކާތުގައި ބޮޑަކަށް ހުރި ޖޯން ލީ، ހޮންގްކޮންގްގެ ޗީފް އެގްޒެކެޓީވްގެ މަގާމަށް ހަމަޖައްސައިފިއެވެ.

ހޮންގްކޮންގްގެ ޗީފް އެގްޒެކެޓިވް ކަމުގެ މަގާމަށް މިއަދު ޖޯން ލީ ހަމަޖެއްސީ، 1500 މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަން ކޮމިޓީގެ 1416 މެންބަރުންގެ ޥޯޓުންނެވެ. މިއީ ހޮންގްކޮންގްގެ ތާރީހުގައިވެސް، ސެކިއުރިޓީ އޮފިޝަލަކު، އެ ސަރަހައްދުގެ އެންމެ އިސް މަގާމަށް އައްޔަން ކުރެވުނު ފުރަތަމަ ފަހަރެވެ.

"އެންމެން އެކުގައި ހޮންގްކޮންގްގެ އާ ބާބެއްގެ ފެށުން" މި ޝިއާރުގެ ދަށުން ކެމްޕޭން ކުރަމުން ދިޔަ ކުރީގެ ސެކްރެޓަރީ ފޮރ ސެކިއުރިޓީ ޖޯން ލީއަކީ، ހޮންގްކޮންގްގެ ޗީފް އެގްޒެކެޓިވް ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް އޮތް އިންތިހާބުގައި ވާދަކުރެއްވި ހަމައެކަނި ކެންޑިޑޭޓްވެސްމެއވެ.

ޑިމޮކްރަސީއަށް ގޮވާލާ ހޮންގްކޮންގްގައި ކުރިއަށް ގެންދިޔަ ވަރުގަދަ މުޒާހަރާއާ ދެކޮޅަށް ޗައިނާގެ މައި ސަރުކާރުން އެކުލަވާލި ގައުމީ ސަލާމަތާ ބެހޭ ގާނޫނު ތަންފީޒު ކުރުމުގައި އޭނާ އަދާ ކުރި ދައުރާ ގުޅިގެން އެމެރިކާއިން މިދިޔަ އަހަރު ވަނީ، އުމުރުން 64 އަހަރުގެ ޖޯން ލީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުވެސް އަޅާފައެވެ.

ހޮންގްކޮންގްގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ވޯޓަކީ، އެ މަގާމަކީ ޗައިނާގެ ސަރުކާރަށް އިހުލާސްތެރިންނަށް އެކަނި ހުންނެވެނޭ މަގާމެއް ކަމަށް ކަނޑައެޅި ފަހުން ހޮންގްކޮންގްގައި ކުރިއަށް ގެންދިޔަ ފުރަތަމަ ވޯޓެވެ.

7.4 މިލިއަން މީހުންގެ އާބާދީއެއް އޮތް ހޮންގްކޮންގްގައި، އެންމެ މަތީ ލީޑަރު ހިޔާރު ކުރުމުގައި ބަސް ބުނުމުގެ ފުރުސަތު ލިބެނީ، ނިސްބަތުން މަދު އަދަދެއްގެ ބަޔަކަށެވެ. އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އޮތުމަށްފަހު، ޗައިނާގެ ކަމާ ބެހޭ ފަރާތްތަކާ ހޮންގްކޮންގް ހަވާލު ކުރީ 1997 ވަނަ އަހަރުއެވެ. ޗައިނާއިން ދަނީ ކޮންމެވެސް ދުވަހަކުން ހޮންގްކޮންގްއަށް ފުރިހަމަ ޑިމޮކްރަސީއެއް ގެނެސްދޭނެ ކަމަށް ވައުދުވަމުންނެވެ.