އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޮންޑޭ) ފުރައްސާރަ ކުރެއްވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެމްޑީޕީގެ މަތިއުތުރު ޕްރޮވިންސްގެ ރައީސް އަދި ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު އަސި ފައްޔާޒުގެ ކެމްޕެއިން މެނޭޖަރު ވަނީ ބޮންޑޭ ކުރެއްވި ޓްވީޓެއްގެ ސްކްރީންޝޮޓެއް ހިއްސާކުރައްވައި ފައްޔާޒަށް އޭނާ ކުރެއްވި ފުރައްސާރަ ހާމަ ކުރައްވާފައެވެ. ވަހީދު ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) ގެ ކެމްޕެއިން ޓީމްގެ ފަރާތުން ފައްޔާޒަށް ކުރި ފުރައްސާރަ ފައްޔާޒްގެ ކެމްޕެއިން ޓީމްގެ މެންބަރުންގެ ނަމުގައި ކުށްށްވެރި ކުރައްވާ ކަމަށެވެ.

ބޮންޑޭ ކުރެއްވި ޓްވީޓްގައި ވަނީ ފައްޔާޒް ކުރައްވަމުން ގެންދަވާ ކެމްޕެއިންގެ ފޮޓޯއެއް ހިއްސާ ކުރައްވާ އޭނާ ތުރުކުރައްވައިގެން ހުންނެވި ޖިންސަކީ މިލަވެ ހަރުވެފައިވާ ޖިންސެއް ކަމަށް ވިދާޅުވެފައެވެ. އަބަދު އެ ޖިންސް ތުރުކުރައްވައިގެން އުޅުއްވުމަކީ އަދި ގޭބިސީތަކަށް އެގޮތަށް ވަދެވަޑަގަތުމަކީ އެމްޑީޕިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ބޮންޑޭ ވިދާޅުވެފައި ވެއެވެ. އަދި ސާފުތާހިރުކަމުގެ ނަމޫނާ ކޮންމެ މެންބަރަކު ވެސް ދައްކަން ވާނެ ކަމަށް ބޮންޑޭ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

މި މަހުގެ 14 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ކުޑަތަން ވެފައިވާ އިރު، ޗެއާޕާސަންގެ މަގާމަށް ކުރިމައްތިލައްވާފައިވާ ދެ ކެންޑިޑޭޓުން ވެސް ގެންދަވަނީ ވަރަށް ފޯރިއާ އެކު މި އިންތިހާބަށް ކެމްޕެއިން ކުރައްވަމުންނެވެ.

ކެމްޕެއިންގެ ކަންކަމާ ގުޅިގެން އިންތިގެ ކެމްޕެއިން ޓީމުން ނުހުއްޓި ފައްޔާޒާ ދެކޮޅަށް ބަސް ބުނަމުން އަންނަ ތަން ފެންނަ އިރު، މި ކެމްޕެއިންނަށް ފައްޔާޒުގެ ޓީމުން ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާ ކަމަށް ވެސް އިންތިގެ ކެމްޕެއިން ޓީމުން އަންނަނީ ތުހުމަތުތައް ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ ވަސީލާތްތަކާއި މުވައްޒަފުން ބޭނުން ކުރާ ކަމުގެ ތުހުމަތުވެސް ވަނީ ކޮށްފައެވެ.