މާރާމާރީތަކަކާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ މީހަކު ފުލުހަކަށް ކޯރާޑިއަކުން ހަމަލާ ދިން މައްސަލައެއް ބަލަން ފަށައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ފުލުހުން ގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިހާދިސާ ހިނގާފައިވަނީ މިމަހު 4 ވަނަ ދުވަހު ކަމަށެވެ.

އެދުވަހު ހިންގި މާރާމާރީއަކާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ފުލުހަކަށް ހަމަލާ ދިނީ، ހުޅުމާލޭހައި ހުންނަ ހިޔާ ޓަވަރު H12 ގެ ފްލެޓަކަށް ފުލުހުން ވަދެ ފާސްކުރަން އުޅުނިކޮށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާއިރު މިމައްސަލައާ ގުޅިގެން އިތުރު ތަފްސީލު ފުލުހުން ހާމައެއް ނުކުރެއެވެ.

ނަމަވެސް 4 ވަނަ ދުވަހު ހިޔާ ފްލެޓްގެ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވިއެވެ. އަދި ބޯފަޅައިގެން ގޮސް ހުރި މީހަކު ފުލުހުން އެރޭ ހޮސްޕިޓަލަށްވެސް ގެންދިޔައެވެ.

މިދުވަސްކޮޅު މާރާމާރީތައް އިތުރުވެފައި ވާއިރު ފިތުރު އީދު ދުވަހު ހެނދުނު މަޖިދީމަގާއި ޖަނަވަރީމަގު ގުޅޭ ސަރަހައްދުގައި ވެސް ވަނީ މާރާމާރީއެއް ހިނގާފައެވެ. އެ މާރާމާރީގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައި ވާއިރު، އެ މާރާމާރީގައި ޒަހަމްވި ދެ މީހުންގެ ތެރެއިން އެކަކު ޒަހަމްވެފައިވާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އެ ސަރަހައްދުގައި ތިބި ބައެއް އާންމުންނާއި ފުލުހުން ވަނީ ޒަހަމްވި މީހާ ޕިކަޕަކަށް ލައިގެން ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެ މާރާމާރީގެ އިތުރުން، ފިތުރު އީދު ދުވަހުގެރޭ ފަތިހުވެސް މާރާމާރީއެއް ހިންގައި ދެ މީހަކު ޒަހަމްކޮށްލާފައި ވެއެވެ. އަދި ހުޅުމާލޭގައި އެރޭ އިތުރު ދެ މާރާމާރީއެއް ހިންގާފައި ވެއެވެ. އެ ދެ މާރާމާރީި އާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.