"ހަމައެކަނި އިންޑިއާ" ނުވަތަ "އިންޑިއާ އޮންލީ" ގެ ވިސްނުމަކީ މުޑުދާރު އަޅުވެތިކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގަތުމަށް ފަހު އެމަނިކުފާނުގެ އިސްނެންގެވުމަށް "އިންޑިއާ އައުޓް" ކެމްޕެއިންގެ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ. އެއާއެކު އަތޮޅު ތެރޭގައިވެސް އެ ހަރަކާތް އަންނަނީ ހިންގަމުންނެވެ.

"އިންޑިއާ ފަސްޓް" ޕޮލިސީއަކީ އަވައްޓެރި ގައުމަކަށް ވީތީ، ކޮންމެ ކަމެއްގައި ވެސް ފުރަތަމަ އިންޑިއާއަށް ބަރޯސާވާ ސިޔާސަތެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ވެސް މި ސިޔާސަތަށް އަމަލު ކުރިއެވެ. ރައީސް ޔާމީން ވަނީ މިހާރުގެ ސަރުކާރުން ގެންގުޅޭ "ހަމައެކަނި އިންޑިއާ" ނޫނީ "އިންޑިއާ އޮންލީ" ސިޔާސަތައް ފާޑުވިދާޅުވެ، ރާއްޖެއިން އަބަދުވެސް ގެންގުޅެމުން އަންނަ "އިންޑިއާ ފުރަތަމަ" ސިޔާސަތަށް އެމަނިކުފާނު ވެސް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ގިނަ ގުނަ މަސައްކަތް ކުރައްވަމުން ގެންދާއިރު އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅުއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ގަރާރެއްވެސް ނެރުއްވާފައެވެ.

އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އަތް ބާނާ ކަމަށް މީގެ ކުރިން ވެސް ރައީސް ޔާމީންވަނީ އެތައް ޕޯޑިއަމްއެއްގައި ވިދާޅުވެފައެވެ.