ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަވަހާރަކޮށްލަން އަމާޒުކޮށް މިދިޔަ އަހަރުގެ މޭ ހަވަނަ ދުވަހު ރޭ ދިން ހަމަލާގެ ޝަރީއަތްތަކާއި ގުޅިގެން ނަޝީދުގެ ވަކީލުން ކޯޓުތަކާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް އަމާޒުކޮށް ފާޑުވިދާޅުވެއްޖެއެވެ.
ނަޝީދުގެ ވަކީލުން ކަމަށް ވާ އިނގިރޭސިވިލާތުގެ ޑޯޓީ ސްޓްރީޓް ޗޭމްބާޒްގެ ކްރިސްޓީ ބްރިމެލޯ ކިއުސީ އަދި ރާއްޖޭގެ ލޯ ފާމް ލިޓިގެންޓްސް އެލްއެލްޕީއިން ވަނީ ކޯޓުތަކުން ހަމަލާގެ ޝަރީއަތްތައް ނިންމަން ތާވަލެއް ކަނޑަނާޅާ ކަމަށާއި ޕީޖީ އޮފީހުން ވެސް އެ މައްސަލައިގައި ހިމެނޭ ބައެއް އިސް ފަރާތްތަކަށް ދައުވާނުކުރާ ކަމަށް ބުނެ ފާޑުކިޔައިފައެވެ.
އެ ހަމަލާއަށް އަހަރެއް ފުރުމާ ގުޅިގެން ރައީސް ނަޝީދުގެ ވަކީލުން ނެރުނު ބަޔާނުގައި ބުނީ އެފަދަ ބޮޑު ހަމަލާއަކާ ގުޅިގެންވެސް ޝަރީއަތްތަކާއި ދައުވާ އުފުލުގެ މަރުހަލާތައް ލަސްވަމުންދާ ކަމަށާއި މިދިޔަ ނޮވެމްބަރު މަސް ތެރޭ ޕީޖީ އޮފީހުގެ ފަރާތުން މައްސަލައިގެ ތާވަލެއް ކަނޑައެޅުމަށް އެދުނު ކަމަށާއި މިއަދާ ހަމައަށްވެސް އެފަދަ ތާވަލެއް ކޯޓުން ކަނޑައަޅާފައި ނުވާ ކަމަށެވެ.
އެ ހަމަލާ ދިނުމާ ހިސާބަށް ހިނގައިދިޔަ ޓެރަރިޒަމްގެ ކަންކަމުގައި އިސް ދައުރެއް އަދާކުރި ފަރާތްތަކާ ދެކޮޅަށް ޕީޖީ އޮފީހުން ދައުވާ އުފުލާފައި ނުވާކަން އެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ. އެ ބަޔާނުގައި ނަޝީދުގެެ ފަރާތުން ވަނީ މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ގެންދާނެ ދުވަސްތަކެއް ކަނޑައަޅައި އެ ހަމަލާގައި ހިމެނޭ ކަމަށް ހެކި ލިބިފައިވާ އެހެން މީހުންނާ ދެކޮޅަށް ވެސް ދައުވާ އުފުލުމަށެވެ. ނަޝީދުގެ ވަކީލުން މިހެން ގޮވާލެއްވިއިރު އެމްޑީޕީއިންނާއި ނަޝީދުގެ އާއިލާއިންވެސް ވަނީ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލައަށް އެއް އަހަރު ފުރުނު އިރުވެސް، އެ މައްސަލައިގައި ހިމެނޭ މީހުންގެ ޝަރީއަތްތައް ދިގުލައިގެން ދާތީ، ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ނަޝީދުގެ އާއިލާއިން ވަނީ ހަމަލާ ދިނުމަށް ފައިސާ ހަރަދު ކުރި ފަރާތްތައް ހޯދުމަށްޓަކައި، ވަރުގަދަ ތަހްގީގެއް ހިންގުމަށް އެދިފައެވެ.
މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅުން ނުކުމެވަޑައިގެން، މަޖީދީމަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް އައިއީޑީ ގޮއްވާލި ހާދިސާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ވަނީ ނުރައްކާވެފައެވެ.
އެ ދުވަހު ދިން ހަމަލާއަށް ފަހު ނަޝީދަށް ފުރަތަމަ ފަރުވާކުރީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެ މަނިކުފާނުގެ ފުރާނަ ސަލާމަތްކުރުމަށް ވަގުތުން ކުރަން ޖެހުނު ގިނަ އޮޕަރޭޝަންތައްް އެ ހޮސްޕިޓަލްގައި ކުރުމަށް ފަހު އިތުުރު ފަރުވާއަށް ވަޑައިގަތީ ޖަރުނަމަށާއި އިނގިރޭސިވިލާތަށެވެ.