އިއްޔެ ޏ.ފުވައްމުލަކު ނެރުކައިރިއަށް ޑައިވިނަށް ފޭބި މުހައްމަދު ސައީދު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސިފައިން ހުއްޓުމެއްނެތި ކުރިއަށް ގެންދާ އިރު އޭނާ މަސް ހިފަން ގެންގުޅުނު އެއްޗެހި މިހާރު ފެނިއްޖެއެވެ.

ސައީދު ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑު އަޑިން ހޯދަމުންދާއިރު ކޯސްޓްގާޑް ހާބާ ޕެޓްރޯލް އުޅަނދުން އަންނަނީ ކަނޑުގެ ސަރަހައްދުތައް ބަލަމުންނެވެ. އަދި އޮޕަރޭޝަން އިތުރަށްފުޅާކޮށް އެމްއެންޑީއެފް ޑޯނިއާއާއި ހެލިކޮޕްޓަރު ވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑް ޑައިވަރުން އެ ސަރަހައްދު ޑައިވް ކުރުމުގެ ތެރޭގައި 59 މީޓަރު އަޑިން ސައީދު މަސްހިފުމަށް ބޭނުންކުރިކަމަށް ލަފާކުރެވޭ އާލާތެއް ކޯސްޓްގާޑް ޑައިވަރުންނަށް ފެނިފައިވާ ކަމަށާއި އެއަށްފަހު ކަނޑުގެ އަޑިން 550 މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑުގެ ޑައިވިން ޓީމުން ބަލާފައިވާ ކަމަށެވެ. އޭގެ އިތުރުން ސްލޯޕެއްގޮތަށް އުފެދިފައިވާ އެ ސަރަހައްދުގެ ފުންމިނުގައި އެ އާލާތްފެނުނު ޕޮއިންޓުން ފެށިގެން 70 އާއި 100 މީޓަރާ ދެމެދުގެ ފުންމިން ހުންނާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މިއަދުގެ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް 40 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާއިރު މޫސުން ގޯސްވުމުގެ ސަބަބުން އެ އޮޕަރޭޝަންގައި އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް ކޯސްޓްގާޑް ފޯތް ސްކޮޑްރަންއިން ހިންގަމުންދާ މި ސަޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި ސައީދު ހޯދުމަށް ކުރެވޭ މަސައްކަތުގައި ދިވެހި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް އެމްއެންޑީއެފުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ގެއްލިގެން ހޯދަމުންދާ ސައީދު ޑައިވިނަށް ފޭބީ އިއްޔެ މެންދުރުފަހު ގާތްގަނޑަކަށް 2:30 ހާއިރު ކަމަށާއި ފީނަން ފޭބިއިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިން ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއްކަމަށާއި އަދި އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮންނާނެ ކަމަށް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.