ކުރީގެ ރައީސް އަބްދުﷲ ޔާމީން "ސައިޒް" ކުރާނެ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ބަޔަކު އެމަނިކުފާނަށް އިންޒާރު ދީ ވީޑިއޯއެއް އާންމުކޮށްފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އިސްވެ ހުންނަވައި ކަމަށް، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ތުހުމަތުކޮށްފިއެވެ.

ޔާމީނަށް އިންޒާރު ދީ، އެމަނިކުފާނު ސައިޒު ކުރާނެ ކަމަށް ބުނެފައިވަނީ "މޯލްޑިވްސް ޔޫތު ފޯސް"ގެ ނަމުގައި އާންމުކުރި ވީޑިއޯއެއްގައެވެ. އެ ވީޑިއޯގައި ފެންނަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އަށް ނިސްބަތްވާ މެންބަރެއް ކަމަށްވާ ހުސައިން ސައީދެވެ.

ޔާމީނަށް އިޝާރާތްކޮށް އޭނާ ބުނެފައިވަނީ، ރާއްޖެ އިނދަޖައްސާލަން އެމަނިކުފާނު އެބަ މަސައްކަތް ކުރައްވާ ކަމަށާއި، އެމްއެންޑީއެފުް ތިބީ އިންޑިއާގެ ދަށުވެފައި ކަމަށް ވިދާޅުވެ، ޔާމީން ހެއްދެވީ އިތުރުފުޅު ކަމަށެވެ. އޭނާ އިތުރަށް ބުނީ މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި މި ނިކުންނަނީ ޔާމީން ސައިޒް ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެންނަކީ މޯލްޑިވްސް ޔޫތު ފޯސް. އަޅުގަނޑުމެން މި ނުކުންނަނީ އޭނާ (ޔާމީން) "ސައިޒް" ކުރަން." އެ ވީޑިއޯގައި އޭނާ ބުނެފައިވެއެވެ.

އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އިދިކޮޅުން ގެނެސްފައިވާ ކަމަށް އެ ކޯލިޝަނުން އިއްޔެ ބުނެފައިވެއެވެ. އެކަމާ ގުޅިގެން މިއަދު ޕީޕީއެމްގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ފުލުހުންގެ އިތުރުން، އެ މައްސަލަ ބަލައިދިނުމަށް އެދި ޑިފެންސް މިނިސްޓްރީ އަށް، އަދި އެޗްއާރުސީއެމަށްވެސް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް ދެ ދުވަސް ފާއިތުވެގެން ދިޔައިރު، ފުލުހުން އެ މައްސަލަ ބަލައިގެންފައިވާ ކަން އަދި ނޭނގޭ ކަމަށާއި، އެކަމާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި ޓްވިޓާގައި އާންމުކޮށްފައިވާ އެ ވީޑިއޯއަށް މާރިޔާ "ލައިކް" ދެއްވާފައި އޮތުމުން، އެ އަމަލަކީ ޔާމީނަށް އިންޒާރު ދިނުމަށް ހިތްވަރު ލިބޭ ގޮތަށް މާރިޔާ ކުރައްވާފައިވާ އަމަލެއް ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެއީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ގަބޫލުކުރައްވާ ކަމަށާއި، އެފަދައިން މާރިޔާ މަސައްކަތް ކުރުމުން ކަންބޮޑުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެއާއެކު، އަދުރޭ ވަނީ މިއީ މާރިޔާ އިސްވެ ހުންނަވައި ސަރުކާރުގެ އަޑީގައި އޮންނަވައި ކުރެއްވި ކަމެއްގެ ގޮތުގައި ތުހުމަތު ކުރައްވާފައެވެ.

"އެހެންވީމަ ރައީސް ޔާމީނަށް މި ދިން އިންޒާރަކީ އިންޑިއާ ސަރުކާރުގެ ރޭވުމުގެ މަތިން ދިވެހި ސަރުކާރު އަޑީގައި އޮވެގެން މާރިޔާ އިސްވެހުރެ ހިންގާ ކަމެއް ކަމަށް އަޅުގަނޑުމެންނަށް ބުނުމުގެ ޖާގަ އެބައޮތް."

އަދުރޭ ވިދާޅުވި ގޮތުގައި މީގެ ކުރިންވެސް ޔާމީނަށް އިންޒާރު ދިން މައްސަލަ އިދިކޮޅުގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވެއެވެ. ނަމަވެސް އެއްވެސް މައްސަލައެއް ބަލާފައި ނުވާ ކަމަށް އޭނާ ވިދާޅުވެއެވެ.

އެހެންކަމުން، ޔާމީނާ މެދު ސަރުކާރުން މީގެ ކުރިން އަމަލުކުރަމުން އައި ގޮތަށް ވުރެ ނުބައިކޮށް އަމަލު ކުރަން އުޅޭ ކަމަށް ރާވާ ކަމުގެ ތުހުމަތު ކުރެވޭނެ ޖާގަ އެބައޮތް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ޔާމީނަށް އިންޒާރު ދިން މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދާލަން ގުޅާލުމުން މައުލޫމާތު ލިބިފައެއް ނުވެއެވެ.