ދެ ލައްކަ ރުފިޔާ އަށް ވުރެ ގިނަ ފައިސާ އާއި ބަނގުރަލާ އެކު ތިން ބިދޭސީން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ މާލެއަށް ގަވައިދާ ހިލާފަށް ބަނގުރާ އެތެރެކޮށް ބޭނުން ކުރުމާއި، އެތަކެތީގެ ވަގު ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ ތިން މީހުންނަކީ
- ސްރީލަންކާ އަށް ނިސްބަތްވާ 27 އަހަރާއި 31 އަހަރުގެ ދެ ފިރިހެނުން
- 29 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް
މިދިޔަ ހޮނިހިރު ދުވަހު ފުލުހުން އެ މީހުން ހައްޔަރުކޮށް މާލޭގެ ތިން ގެއަކާއި ސައިކަލެއް ބަލައި ފާސްކުރިއިރު، ބަނގުރަލާއި ދިވެހި ފައިސާގެ އިތުރުން، ގިނަ އަދަދެއްގެ ބޭރު ފައިސާވެސް ފެނިފައިވެއެވެ. އެގޮތުން ފެނުނު ތަކެތީގެ ތެރޭގައި ހިމެނެނީ:
- 79 ބަނގުރާ ފުޅި
- 245،000 އަށް ވުރެ ގިނަ ރުފިޔާ
- 14،500 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރު
- 50 ޔޫރޯ
އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ތިން މީހުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.
އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.