އެމްފެޓަމީން ޒާތުގެ ޑްރަގެއް ކަމަށް ވާ 'ކެޕްޓަގޮން'ގެ 6 މިލިއަނަށްވުރެ ގިނަ ގުޅަ އަތުލައިގަނެ، އެތައް ބަޔަކު ހައްޔަރު ކޮށް، މަސްތުވާތެކެތީގެ ވަގުވިޔަފާރި ކުރަމުން ދިޔަ ބޮޑު ރިންގެއް، އިރާގުގެ ސަލާމަތީ ބާރުތަކުން ރޫޅާލައިފިއެވެ.

އިރާގުގެ ގައުމީ ސަލާމަތާ ބެހޭ އޭޖެންސީއިން ބުނީ ގާތްގަނޑަކަށް 6.2 މިލިއަން ގުޅަ ފެނިފައި ވަނީ، ވެރިރަށް ބަގުދާޑުގެ ހުޅަނގުދެކުނުގައި ހުރި ގުދަނަކުން ކަމަށެވެ.

އިރާގުގެ 3 ރައްޔިތެއްގެ އިތުރުން، ތުހުމަތު އަމާޒުވާ އިތުރު 4 މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށާ، އެ 4 މީހުންނަކީވެސް އަރަބި ގައުމުތަކަށް ނިސްބަތްވާ މީހުން ކަމަށް އޭޖެންސީއިން ވަނީ ބުނެފައެވެ. އެކު ޖުމުލަ 10 މީހަކަށް ތުހުމަތު އަމާޒު ވާ އިރު، މަސްތުވާތެކެތީގެ ވަގުވިޔަފާރީގެ ބައިނަލްއަގުވާމީ ނެޓްވޯކާ ގުޅުން އޮންނަ ކަމަށް އެ އެންމެންވެސް އިއުތިރާފު ވެފައި ވާ ކަމަށް އޭޖެންސީއިން ބުނެއެވެ.

އަތުލައިގަތް ގުޅަތަކަކީ ބަގުދާދާއި އެހެންވެސް ބައެއް ޕްރޮވިންސްތަކުގައި ބެހުމަށް ބަހައްޓާފައި ހުރި ގުޅަތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

ވިޔަފާރި ނަމެއްގެ ގޮތުގައި ބޭނުން ކުރާ 'ކެޕްޓަގޮން' އަކީ 1960ގެ އަހަރުތަކުގައި ގަވައިދާ ހިލާފަށް ޖަރުމަނުވިލާތުގައި ޕޭޓަންޓް ކޮށްފައިވާ ގުޅަތަކެކެވެ. މި ގުޅައަކީ، ސަމާލުކަން ދަތިވުމުގެ ބައްޔާއި ނާކޮލެޕްސީ ފަދަ ހާލަތްތަކުގައި ފަރުވާ ދިނުމަށް ބޭނުން ކުރާ ފެނީތައިލީން އެކުލެވޭ ގުޅައެއް ކަމަށް ހަބަރު ލިބެއެވެ.

މި ގުޅަ ބޭނުން ކުރުން ފަހުން މަނާ ކުރިއެވެ. އޭގެ ފަހުން، މަސްތުވާތެކެތީގެ ވަގު ވިޔަފާރީގެ ތެރެއަށް މި ގުޅާ ތައާރަފުވިއެވެ. މި ޑްރަގަކީ މެދުއިރުމައްޗަށް ހާއްސަ ބާވަތެކެވެ. މެދުއިރުމަތީގައި އުފައްދާ، އަދި އެ ސަރަހައްދުގައި ބޭނުން ކުރާ ޑްރަގެކެވެ.

މެދުއިރުމަތީގައި އެންމެ ފުޅާ ދާއިރާއެއްގައި ކެޕްޓަގޮން އުފައްދަނީ ސޫރިޔާގައެވެ. އަދި ކޮންޒިއުމަރުން ނުވަތަ މި ގުޅަ ވިއްކާ އެންމެ ބޮޑު ބާޒާރަކީ ސައުދީ އަރަބިއްޔާ ކަމަށްވެސް ހަބަރު ލިބެއެވެ.