ކޮވިޑްގެ ހާލަތަށް ފަހު އައި ފުރަތަމަ އީދުގެ ޗުއްޓީއަށް އެތައް ބަޔަކު މާލެއިން ފުރައިގެން އެބަދެއެވެ. މާލޭގެ އުތުރު ފަރާތު 1 ނަނަބަރު ޖެޓީއާ ދިމާއިންނާއި، ދެކުނު ފަރާތުން، ޓްރެކް ސަރަހައްދާއި، ޓީ ޖެޓީ އަދި ނޯތު ހާބަރުން މީހުންތައް ފުރަފުރައިގެން ދަނީ މާދަމާ ފެށޭ އީދު ބަންދަށެވެ.

މާލެއާއި ކައިރި ބައެއް ރަށްރަށުގެ ގެސްޓުހައުސްތަކާއި ސަފާރީތައް ފުލް ވެފައި ވާއިރު، ބައެއް ރަށްރަށުގައި އިތުރަށް ދޭނެ ކުލީ ކޮޓަރިއެއް ނެތެވެ.

އއ. ތޮއްޑޫ، މަތިވެރި، އދ. ދަނގެތި، މާމިގިލި، ކ. މާފުށި، ހިންމަފުށި، ހުރާ، ގުރައިދޫ، ތުލުސްދޫ ފަދަ ތަންތަން ހުރީ އެއްކޮށް ފުލްވެފައެވެ.

ދިވެހި އާއިލާތަކާއި ވަކިވަކި ފަރުދުން ބްކިން ހަދާފައެވެ. އީދުގެ ބަންދާ ދިމާކޮށް މާލެއިން ގިނަ ބަޔަކު ފުރައިގެން ދާ އިރު، މާލެ ސަރަހައްދުގައި އޮޕަރޭޓް ކުރާ ސަފާރީތައްވެސް ވަނީ ފުލްވެފައެވެ.

"ދަ ޕްރެސް" އާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ، އެމީހުން ދަތުރު ކުރީ އެވްރެޖްކޮށް 1500ރ އާއި 2500ރ ރެއަކަށް ހޭދަކުރާ ގޮތަށެވެ. ބައެއް މީހުން ފެރީ ޓިކެޓާއެކު 2300ރ އަށް ވުރެ ބޮޑު އެއްޗެއް ހަރަދު ކުރެއެވެ.

އީދު ޗުއްޓީއަށް މާލެ ކައިރި ރަށްރަށުގެ އިތުރުން، ރާއްޖޭގެ ހުރިހާ ހިސާބަކަށް މީހުން ވަނީ ދަތުރު ކޮށްފައެވެ. އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލުމަށް މާލެއިން ބޭރުވި މީހުންގެ ސާފު އަދަދު ނޭނގުނަސް، އަންދާޒާ ކުރެވެނީ ދިހަވަރަކަށް ހާސް މީހުން މާލެއިން ބޭރުވާނެ ކަމަށެވެ.

އީދަށް އަތޮޅުތަކަށް ދިޔަ މީހުންގެ އިތުރުން ރާއްޖެއިން ބޭރަށް ވެސް އެތައް ބަޔަކު ދަނީ ދަތުރު ކުރަމުންނެވެ. ނަމަވެސް ކޮމިޑްގެ މިހާލަތާއި، އެންމެ ގިނައިން ދިވެހިން ގޮސް އުޅޭ ލަންކާގެ ހާލަތު ގޯސްވުމާއި، ދެން އެންމެ ގިނައިން ދާ މެލޭޝިއާއަށް ޑައިރެކްޓް ފްލައިޓެ ނެތުން ފަދަ ދަތިތަކާ ހުރެ ބޭރަށް ދާ މީހުންގެ އަދަދު މަދެވެ.