ރާއްޖޭގައި ޓޭބަލް ޓެނިސް ކުރިއަރުވަން ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ "ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022" މުބާރާތުގައި ބައިވެރިވާ ދިވެހި އަންހެން ޓީމާއި ފިރިހެން ޓީމާ ބައްދަލުކުރައްވައި ކާމިޔާބީއަށް އެދިވަޑައިގެން ހިތްވަރު ދެއްވާފައެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގަތް އެ ބައްދަލު ކުރެއްވުމުގައި ޓޭބަލް ޓެނިހަކީ ރާއްޖޭގައި އިތުރަށް ކުރި އެރުވޭނެ ކުޅިވަރެއްކަން ފާހަގަ ކުރައްވައި، ރައީސް ވަނީ އެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެ ބައްދަލު ކުރެއްވުމުގައި މުބާރާތުގައި ބައިވެރިވާ ޓޭބަލް ޓެނިސް ޓީމުގެ ޖާޒީއެއް ރައީސަށް ވެދުމަށް އަރުވާފައިވެއެވެ.

ސާކް ގައުމުތައް ބައިވެރިވާ މި މުބާރާތް އަންނަ މަހު 9 އިން 12 އަށް ކުރިއަށްދާއިރު، މި މުބާރާތް އޮންނާނީ ރާއްޖޭގައެވެ.