ތައިލެންޑްގައި ބޭއްވި ޓޭބަލް ޓެނިސް މުބާރާތުގެ ޑަބަލަސް ޗެމްޕިއަންކަން ރާއްޖޭގެ ފާތީމަތު ދީމާ ހޯދައިފިއެވެ.

މި މުބާރާތުގެ 15 އަހަރުން ދަށުގެ ޑަބަލްސް ބައިގައި ދީމާގެ ޕެއާ އަކީ ތައިލެންޑްގެ ފަންގްއެވެ.

މިގޮތުން ފައިނަލް މެޗު ދީމާ އާއި ފަންގްގެ ޕެއާ ތިން ސެޓުން ކާމިޔާބު ކޮށްފައިވާއިރު އެ ސެޓުތައް ގެންދިޔައީ، 11-8، 11-9 އަދި 11-7 އިންނެވެ.

ތައިލެންޑްގައި މިހާރު ޓްރެއިނިން ހަދަމުން އަންނަ ދީމާ ވަނީ، އެ މުބާރާތުގެ އަންހެން ސިންގަލްސްގެ 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ކުއާޓާ ފައިނަލަށް ވެސް ދަތުރުކޮށްފައެވެ. އެހެންނަމަވެސް އޭނާ ވަނީ 3-1 ސެޓުން ބަލިވެފައެވެ.

އުމުރުން 15 އަހަރުން ދަށުގެ އަންހެން ރޭންކިންގައި ދުނިޔޭގެ 20 ވަނައިގައި ހިމެނޭ ދީމާ ވަނީ މިދިޔަ މަހު ޕޯޗްގަލްގައި ބޭއްވި ވޯލްޑް ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ މިކްސް ޑަބަލްސް ބައިގައި ޗެކް ރިޕަބްލިކްގެ މާޓިން ސިޕްއާ އެކު ކުޅެ މޮޅުވެފައެވެ.

ދީމާ އަކީ މި މުބާރާތަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ އެވެ.