ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ މުބާރާތުގެ ކެޑޭޓް ބައިގެ ފައިނަލް މެޗުގައި އިންޑިއާ އާ ކުޅެ، ރާއްޖޭގެ ފާތިމަތު ދީމާ އަލީއަށް ރިހި މެޑަލް ލިބިއްޖެއެވެ.

ދީމާ އަށް ރިހިމެޑަލް ލިބުނީ މި ބައިގެ ފައިނަލުގައި އިންޑިއާގެ އެންމެ ވަރުގަދަ އެއް ކުޅުންތެރިޔާ ޖެނިފާ އާއި ވާދަކޮށް 3-2 ސެޓުން ބަލިވުމުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ފުރަތަމަ ސެޓު އިންޑިއާގެ ޖެނިފާ 13-11 އިން ކާމިޔާބުކުރި ނަމަވެސް ދީމާ ވަނީ ދެވަނަ ސެޓު 4-11 އިން ކާމިޔާބު ކޮށްފައެވެ. އަދި މެޗުގެ ތިންވަނަ ސެޓު ޖެނިދާ ކާމިޔާބުކުރީ 11-5 އިންނެވެ. ނަމަވެސް ދީމާ ވަނީ ހަތަރުވަނަ ސެޓު 11-13 އިން ކާމިޔާބު ކޮށްފައެވެ. ފަހު ސެޓުން ޖެނިފާ މޮޅުވީ 6-11 އިންނެވެ.

މި މުބާރާތުގެ ފައިނަލަށް ދިއުމަށް ކުޅުނު ސެމީ ފައިނަލު މެޗުގައި އިންޑިއާގެ ސަންދިކާއާ ދެކޮޅަށް ނިކުމެ ދީމާ ވަނީ ތިން ސެޓުން އޭނާ ބަލިކޮށްފައެވެ. މިއީ ރާއްޖޭގެ ޓީޓީ ތާރީހުގައި ވެސް އިންޑިއާ އަތުން މޮޅުވެ ރާއްޖޭގެ ކުޅުންތެރިއަކު ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. އަދި ކެޑޭޓް ބައިގެ ސެމީ ފައިނަލުން ދީމާ ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ތިން ސެޓުން ނޭޕާލްގެ އިވާނާ ތާޕާ ބަލިކުރުމަށް ފަހުއެވެ.

މިއީ ދީމާގެ ޓީޓީ ކެރިއަރުގައި އޭނާއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ދީމާ ވަނީ 2019 ގައި ބޭއްވި ކެޑޭޓް މުބާރާތުގެ ފައިނަލުގައި ވެސް ވާދަކޮށްފައެވެ.