އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އައިޖީއެމްއެޗްގެ ނަރުސް ހަލީމަތު ލަމްހާއަށް ޖަލު ތެރެއިން އެއްވެސް ކަމެއްގައި އެހީތެރިކަމެއް ނުލިބޭ ކަމަށާއި އެއއީ މީޑީއަތަކުން އޭނާއޭ ކިޔައިގެން ލިޔާ ހަބަރުތަކުން ކަމަށް ބުނެފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ލަމްހާގެ ބަންދު މުރާޖާ ކުރުމުގެ އަޑު އެހުމުގައި ލަމްހާގެ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވީ، ލަމްހާއަށް ބެޑްރެސްޓް ކުރުމަށާއި ބަރު އެއްޗެހި އުފުލުން ޑޮކްޓަރުން މާނާކޮށްފައިވާ ކަމަށެވެ. އެކަންކަން ކަރެކްޝަނަލް ސާވިސުން ކުރިއަށް ގެންދޭތޯ ދައުލަތާ ސުވާލު ކުރައްވައި ޝާއިއު ވަނީ ލަމްހާގެ ބަލި ހާލަތަކީ ފުރާނައަށް ނުރައްކާ ވެދާނެ ހާލަތެއް މެދުވެރިވެދާނެ ބައްޔެއް ކަމުން 30 ދުވަހަށް ބެޑްރެސްޓް ކުރެވޭ ގޮތަށް ބަންދަށް ލުޔެއް ދެއްވުމަށް އެދިވަޑައި ގެންފައެވެ.

ކަރެކްޝަނުން ކޮށްފައިވާ ކަންކަން ހާމަ ކޮށްދެމުން ދައުލަތުން ބުނީ، ލަމްހާ މިހާރު އަމިއްލައަށް އެއްޗެހި ދޮވުމުގެ ބަދަލުގައި ކަރެކްޝަންގެ ލޯންޑްރީ ބައިން ލަމްހާގެ އެއްޗިހި ދިވުމުގެ ކަންކަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ބާލީދީގައި ފެން އުފުލަން އުނދަގޫވާ ކަމަށް ލަމްހާ މގެ ކުރިން ބުނެފައިވާތީ، ބާލިދީގައި ފުރާ ފެން ނޫފުލާ މަދުން އުފުލިދާނެ ކަމަށާއި އަދި ފަސޭހާ ކޮށްދިނުމަށް މިހާރު ހޮޅިއެއްވެސް ގުޅައިދީފައި ވާނެ ކަމަށެވެ.

ދައުލަޔުން ދެއްކި ވާހަކަތަކަށް ރައްދު ދެމުން ލަމްހާ ބުނީ، އެ ހޮޅިން އޭނާއަށް އެއްވެސް ފައިދާއެއް ނުވާ ކަމަށެވެ. އެއީ ދެ ފޫޓެއްހާ ކުރު ހޮޅިއެއް ކަމަށާއި އޭގެ ބޭނުން ރަގަޅަށް ނުކުރެވޭ ކަމަށެވެ. އެ ހޮޅީގެ ސަބަބުން އެ ތަނުގައި އުޅޭ އެހެން މީހުންނަށް ވެސް އުނދަގޫވާ ކަމަށެވެ. އަދި ތަށި ދޮންނަ ސިންކު ތިރިކަމުން ގުދުވެގެން އެކަން ކުރަން ވެސް އުނދަގޫ ކަމަށް ލަމްހާ ބުނެއެވެ.

މީގެ އިތުރުން، ލަމްހާގެ އަޑުއެހުންތަކަށް މީޑިއާއިން ކޯޓަށް ވަދެ އޭނާއޭ ކިޔައިގެން ލިޔާ ހަބަރުތަކުން ޖަލުތެރެއަށް ލަމްހާ މަޝްހޫރުވެފައި ވަނީ މީހަކު މަރާލައިގެން އައިސްފައި ހުރި މީހެއްގެ ގޮތުގައި ކަމަށް އޭނާ ބުނެއެވެ. އަދި އެހެންކަމުން އޭނާއަށް ޖަލުތެރެއިން އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށް ވެސް ލަމްހާ ބުނެއެވެ.

ދެފަރާތުގެ ވާހަކަތައް އެއްސެވުމަށްފަހު ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ، އަންނަ މަހުގެ 10 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ އަޑުއެހުމުގައި ދެ ފަރާތުން ދެއްކި ވާހަކަތަކުގައި ގޮތެއް ނިންމަވާނެ ކަމަށެވެ. މިވަގުތަށް ބަންދުގައި ހުރި ހުރުން ދަމަހައްޓަން ނިންމާ ކަމަށްވެސް ފާއިޒު ވިދާޅުވިއެވެ.

މޭރީގެ މަރުގެ މައްސަލައިގާ އޭނާގެ ފިރިމީހާއާއި ލަމްހާ ވަނީ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކޮށްފައެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެއީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ.