އަލްއަގްސޯ މިސްކިތާއި އަދި ހަރަމުއްޝަރީފްގައި ދާދި ފަހުން ހިނގި ހަމަނުޖެހުންތައް ދިވެހިރާއްޖެއިން އދގެ ސަލާމަތީ މަޖިލީހުގައި ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ސަލާމަތީ މަޖިލީހުގައި ރާއްޖެއިން ދިން ބަޔާނުގައި، ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެރިވެފައިވާ އިސްރާއީލުގެ މީހުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުގެ ސަބަބުން، ފަލަސްތީން ރައްޔިތުންގެ ހައްގުތައް ގެއްލި، އެމީހުންގެ ކަރާމާތަށް އުނިކަން ލިބޭކަމަށެވެ.

އަދި މިފަހުން ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން، ސުލްހައިގެ މަސައްކަތް އަވަސްކޮށް، ސަލާމަތީ މަޖިލީހުގެ ގަރާރުތައް ތަންފީޒުކުރުން އަވަސްކުރަން ޖެހޭކަން އެނގިގެން ދިޔަކަމަށް ރާއްޖެއިން ބުނެފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ސަލާމަތީ މަޖިލީހުގެ ގަރާރުތަކުން، ފަލަސްތީނުގެ ބިންތައް އިސްރާއީލުން ހިފުމާއި، ހުރުމަތްތެރިވެގެންވާ ބައިތުލްމަގްދިސް އިސްރާއީލުގެ ބާރުގެ ދަށަށް ގެންދިޔުމާއި، ގުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައި، އެރަށަށް އެމްބަސީތައް ބަދަލުކުރުން، މިކަންކަމަކީ ބާތިލް އަދި ބަލައިގަންނާނެ ކަންތައްތަކެއް ނޫން ކަމަށް ނިންމާފައިވާކަން ރާއްޖެއިން ފާހަގަކުރި ކަމަށެވެ.

ހަމައެއާއެކު، 1967 ވަނަ އަހަރުގެ ފަހުން އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ބައިނަލްއަގްވާމީ މުޖްތަމައުން ބަލައި ނުގަތުމަށް ސަލާމަތީ މަޖިލީހުގެ 2334 ވަނަ ގަރާރުން ފާސްކޮށްފައިވާ ކަން ވެސް ފާހަގަކުރި ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްޜީން ބުނީ މި ގަރާރުތަކަށް އަމަލުކޮށް، ގަރާރުތަކަށް ބޯލަނބާތޯ ސަލާމަތީ މަޖިލީހުން ކަށަވަރުކުރަން ޖެހޭނެކަމަށާއި، އެމަޖިލީހާއި މެދު އޮންނަ އިތުބާރު ބިނާވެފައިވަނީ އެކަމަށްކަމަށް ވެސް ރާއްޖެއިން ހާމަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، 1967 ވަނަ އަހަރުގެ ކުރީގެ ސަރަހައްދީ އިމުގެ މައްޗަށް ބިނާވެފައިވާ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށާއި، އެދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ހެދުމަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމަށް ރާއްޖެއިން ބުނަމުން އަންނަ ބުނުން ވެސް ސަލާމަތީ މަޖިލީހުގައި ތަކުރާރުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.