އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިޔަފާރިކުރާއިރު ފޮތި ކޮތަޅު ބޭނުންކޮށްގެން ހަދިޔާ ލިބޭ ކެންޕެއިނެއް ފަށައިފިއެވެ.

"ޕްލާސްޓިކް ނޫން ގޮތެއް ރިވާޑްސް"ގެ ނަމުގައި ކެމްޕެއިން ފެށީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ޕްލާސްޓިކް ނޫންގޮތެއް ހޯދަން ޖެހިފައިވާ ކަމަށެވެ.

މިއީ ޕްލާސްޓިކް ނޫން ގޮތެއް މި ކެންޕެއިންގެ ދަށުން މޯލްޑިވްސް އޮތެންޓިކް ކްރާފްސްޓް ކޯޕަރޭޓިވް ސޮސައިޓީ، ޖީއީއެފް ސްމޯލް ގްރާންޓްސް ޕްރޮގްރާމް ފަންޑިންގެ ދަށުން، ޔޫއެންޑީޕީގެ އެހީތެރިކަމާއިއެކު ހިންގާ ހަރަކާތެކެވެ. މި ހަރަކާތުގައި އެސްޓީއޯ އަދި ދިރާގުން ވަނީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައެވެ.

މި ކެމްޕެއިންގެ މައިގަނޑު މަގްސަދަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅު މަދުކުރުމަށް ވިޔަފާރިކުރުމަށް ފޮތިކޮތަޅު ބޭނުންކުރުން އާދަކުރުމެވެ.

އަމްރު ވިދާޅުވީ އެސްޓީއޯއިން މިދިޔަ އަހަރުވެސް ޕްލާސްޓިކާއި ދެކޮޅަށް އެ ކުންފުނީގެ ހުރިހާ ފާމަސީތަކެއްގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލާފައިވާ ކަމަށާއި މިއާއިއެކު އަހަރެއްގެ މައްޗަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުގެ 1 މިލިއަން ކޮތަޅު ސަލާމަތްކުރެވުނު ކަމަށެވެ. އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމުން އެ އަދަދު 2 މިލިއަނަށް އަރާނެކަން އަމްރު ފާހަގަކުރެއްވިއެވެ.