ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ ސުލޫކީ މައްސަލައެއް ސާބިތުވެ، ފިޔަވަޅު އަޅަން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ، ސިވިލް ކޯޓުގެ ގަޒިއްޔާއިން ބަލާ މައްސަލައަށް ހާޒިރުވުމަށްޓަކައި އަމުރު ލިބުނުއިރު، މެޖިސްޓްރޭޓް ކޯޓަކުން ބަލާ މައްސަލައާ ގުޅިގެން ހަމަ އެ ފަރާތަށް، އެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބިފައިވާތީ، ފަހުގެ ތާރީހަކަށް ސިވިލްކޯޓުގެ މައްސަލަ ހަމަޖައްސައިދިނުން އެދި ސިވިލް ކޯޓަށް ހުށަހެޅި ކަމަށެވެ.
މިގޮތުން ސިވިލް ކޯޓުގެ ގަޒިއްޔާ ބާތިލު ކުރުމުގައި އިސް ގާޒީ އަބްދުﷲ އަލީ އަމަލުކުރައްވާފައި ވަނީ އަދުލު އިންސާފު ގާއިމް ކުރާ ދާއިރާގެ ހައިބަތާއި އިތުބާރު ގެއްލޭފަދަ ގޮތެއްގެ މަތިން ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ޖޭއެސްސީން އިތުރަށް ބުނީ، ފަނޑިޔާރުގެ ވާޖިބު އަދާކުރުމުގައި ތައައްސުބެއް އޮތްކަން މިކަމުން ފެންނަން އޮތްކަމަށެވެ.
މީގެ އިތުރުން ފަނޑިޔާރުގެ އަދުލުވެރި ކަމާމެދު ސުވާލު އުފެދިދާ ގޮތުގެ މަތިންކަން އިސް ގާޒީ އަބްދުﷲ އަލީގެ ބަހުންނާއި ލިޔެކިޔުންތަކުން މައްސަލައިގެ ތަހުގީގަށް ސާބިތުވާ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީން ބުނީ އިސް ގާޒީ އަބްދުﷲ އަލީގެ މި އަމަލަކީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށެވެ. މިގޮތުން އިސް ގާޒީއަށް ނަސޭހަތް ދިނުމާއެކު ޖޭއެސްސީން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމުގެ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.