މޫދުގައި މަރުވެފައި އޮތް ތުއްތު ކުއްޖެއް ށ. ކަނޑިތީމުން ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. މަރުވެފައި ވަނީ އުމުރުން 1 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އެ ތުއްތު ކުއްޖާ މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކަނޑިތީމު ކައުންސިލްގެ ރައީސް އަހްމަދު އަހްސަން "ދަ ޕްރެސް" އަށް ވިދާޅުވީ، އެ ކުއްޖާ ފެނިފައި ވަނީ ގެއްލިގެން ހޯދަމުން ދަނިކޮށް އާންމުންގެ ބަޔަކަށް ކަމަށެވެ. ނަމަވެސް އެ ހާދިސާ ހިނގައި ދިޔަ ގޮތުގެ މައުލޫމާތު އަދި އެނގިވަޑައި ނުގަންނަވާ ކަމަށާއި، އެ ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބިވަޑައިގަތީ އިރުއޮއްސި 6 ޖެހި ފަހުން ކަމަށް ވިދާޅުވިއެވެ.

ފުލުހުން ބުނި ގޮތުގައި، އެ ކުއްޖާ މޫދުގައި އޮއްވާ ނަގައިގެން ކަނޑިތީމު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.