މިސްކިތަށް ކުޑަކަމުގޮސް، އަދި އޭގެ ފަހުން ހަތިމަށް ކުޅު ޖަހައިގެން ހައްޔަރުކުރި މ. ޝޭޑީހޯމް ހަސަން ޒިޔާދު، ބަރަހަނާ ހާލުގައި އޮއްވާ ހައްޔަރުކޮށްފިއެވެ.

މިއީ އޭނާ ހައްޔަރުކުރި ތިންވަނަ ފަހަރު ކަމަށް ވާއިރު، މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރި ކަމުގެ ތުހުމަތުގައި އުމުރުން 40 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ޒިޔާދު ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަސްވެރިންގެ ޕާކުގައި ބަރަހަނާ ހާލުގައި މޫދަށް އެރި އޮއްވައެވެ. އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ހުކުރު ދުވަހު 15 ދުވަހުގެ ބަންދެއް ޖަހާފައެވެ.

ޒިޔާދު އެންމެ ފުރަތަމަ ފަހަރަށް ހައްޔަރުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހު ރައީސް އޮފީހުގެ ޣޭޓަށާއި އިސްލާމީ މަރުކަޒުގެ ތެރެއަށް ކުޑަކަމުދިޔަ މައްސަލާގައެވެ. އޭގެ ފަހުން މަޖީދިއްޔާ ސްކޫލް ކައިރީ ހުންނަ އިބްރާހީމް އިސްކަންދަރު މިސްކިތުގެ ހަރިންމައިގެ ތެރެއަށް ކުޑަކަމު ގޮސް ހަތިމަށް ކުޅު ޖެހުމުން، އެތަނުގައި ތިބި ބައެއް އާންމުން އޭނާ ހުއްޓުވައި ނަސޭހަތް ދީފައި ވެއެވެ.

އޭގެ އިތުރުން، މަޖީދީމަގުގައި ހުންނަ ކެފޭއަކަށްވެސް އޭނާ ގެއްލުން ދީފައި ވާއިރު، ފުލުހުން އޭރު ބުނި ގޮތުގައި ޒިޔާދުގެ ނަފްސާނީ ބައްޔެއް ހުރެއެވެ. ނަމަވެސް ޖެންޑާ މިނިސްޓްރީން ބުނީ އޭނާ އަށް ބޭނުންވަނީ މަސްތުވާތަކެތީގެ ފަރުވާ ކަމަށެވެ.