ރޯދަމަހުގެ ފަހު 10 ގެ ދުވަސްތައް ގުނަމުންދާ އިރު މިއަހަރުގެ އެންމެ ބަރާކާތްތެރި ރޭ ހޯދުމުގެ ފުރުސަތު ވެސް މިވަނީ ކުރިމަތިވެފައެވެ. 1000 މައްސަރަށް ވުރެ ހެޔޮކަން ބޮޑު ލައިލަތުލްގަދުރި ވިލޭރޭއަކީ ކޮން ރެއްކަން މާތް ﷲ ތައާލާ އެކަލާނގެ ރަސޫލާއާއި މީސްތަކުންނަށް ވެސް ހާމަކުރައްވާފައި ނުވާ އިރު އެރޭގެ ދަރުމައާއި ސަވާބު ހޯދޭނެ އެންމެ ރަނގަޅު ގޮތަކަކީ ރޯދަމަހުގެ 10 ދިހައިގައި އަޅުކަން އިތުރުކުރުމެވެ.
މިގޮތުން މި 10 ދުވަހާއި ރޭ މާތް ﷲ އަށް ތަގުވާވެރިވެ ކުއްތަންވުން އިތުރުކުރުމުގެ ގޮތުން ކުރެވިދާނެ ބައެއް އަޅުކަންތައް ބަޔާންކޮށްލާނަމެވެ.
އިއުތިކާފްގައި އިނުން
ލައިލަތުލްގަދުރި ވިލޭރޭ ކުރުން އެންމެ އައުލާކަން ބޮޑު އެއް އަޅުކަމަކީ އިއުތިކާފްގައި އިނުމެވެ. އިއުތިކާފްގައި އިނުމަކީ ދުނިޔެވީ ކަންކަމާ އެކަހެރިވެ މާތް ﷲއަށް އަޅުކަން ކުރުމުގައި އިނުމެވެ. ފިރިހެނުންނަށް އިއުތިކާފުގައި އިންނާނީ މިސްކިތުގައެވެ. އަދި އަންހެނުން އެންމެ ރަނގަޅީ ގޭގެ ކޮންމެވެސް އެއްކޮޓަރިއެއްގައި އެކަހެރިވެ އަޅުކަމުގައި އިނުމެވެ. ފަހު ދިހައިގެ ކޮންމެ ރެއަކު މިގޮތަށް ނީނދެވުނު ކަމުގައި ވީ ނަމަވެސް ބަލަންވީ ވީހާ ގިނަ ދުވަސްތަކުގައި މިގޮތަށް އިނދެވޭތޯއެވެ.
ގިނަ ގިނައިން ދުއާ ކުރުން
އިހްލާސްތެރިކަމާއެކު ކުރާ ދުއާއަކީ މާތް ﷲ ތައާލާ ލޯތްބާ އެކު ޤަބޫލުކުރައްވާނެ އެއްޗެކެވެ. އަދި ލައިލަތުލްގަދުރި ވިލޭރޭ ކުރާ ދުއާއަކީ މާތް ﷲ ތައާލާގެ ހަޟްރަތުގައި ހާއްސަވެގެންވާ ދުއާއެކެވެ. އެރޭ ކުރަން އެންމެ ރަނގަޅު ދުއާތަކަށް ބަލާ އިރު މާތް ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހި ވައްސަލަމް ކުރައްވާ ހާއްސަ ދުއާއެއް ވެއެވެ. އެއީ؛
اللَّهُمَّ إِنَّكَ عَفُوٌ تُحِبُّ الْعَفْوَ فَاعْفُ عَنِّي
މާނައީ: އޭ ﷲ އެވެ! އިބަ ﷲ އީ ގިނަގިނައިން އަފޫކުރައްވާ، އަފޫކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ. މި އަޅާއަށް އަފޫކޮށްދެއްވާނދޭއެވެ.
ޤުރުއާން ކިޔެވުން އިތުރުކުރުން
މިއުއްމަތެއް ނޫރެއް ކަމުގައި ލެއްވި ކީރިތި ޤުރުއާން ބާއްވާލެވުނީ ރޯދަމަހުގެ ފަހު 10އެއްގައި ލައިލަތުލްގަދުރި ވިލޭރޭ ކަމަށްވާ އިރު އެރޭ ހޯދުމަށް ކުރާ އަޅުކަމުގެ ތެރެއަށް ޤުރުއާން ކިޔެވުން އިތުރުކުރުމަކީ ފައިދާ ހުރި ކަމެކެވެ. އެހެން ކަމުން ރޯދަ މަހުގެ ތެރޭގައި ޤުރުއާން ކިޔެވި މިންވަރު ފަހު 10 ދުވަހާއި ރޭ ދެގުނަ ނުވަތަ ތިން ގުނަ އިތުރުކޮށްލާށެވެ.
ސަދަގާތްކުރުން އިތުރުކުރުން
ސަދަގާތްކުރުމަކީ ވެސް ރޯދަ މަހުގެ ފަހު ދިހައެއްގައި މާތް ﷲ އަށް ކުއްތަންވުމުގެ ގޮތުން ކުރެވިދާނެ އަޅުކަމެކެވެ. އެމީހަކަށް ވީ މިންވަރަކުން ފަގީރުންނަށް ސަދަގާތް ކުރަން މަސައްކަތްކުރުން މުހިންމެވެ. ހަމައެހެންމެ އާއިލާގެ އެހެން މެމްބަރުންނާއި ގާތް ތިމާގެ މީހުންގެ ތެރެއިން ވެސް ސަދަގާތަށް ބޭނުންވެފައިވާ ތިބި ފަރާތްތަކަށް އެހީވެ ހަދާށެވެ. އެކަމުން ތިބާއަށް ލިބޭނެ ފައިދާ އަދަދު ނުކުރެވޭނެއެވެ.
ސުންނަތް ނަމާދު ގިނަ ކުރުން
ފަރުޟު ނަމާދުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމާ އެކު ރޯދަމަހުގެ ފަހު ދިހައެއްގައި ސުންނަތް ނަމާދުތަކުގައި މަސްއޫލުވެގެން އުޅުމަކީ ވެސް މާތް ﷲގެ ހަޟްރަތުގައި އުފުލިގެންވާ އަޅުކަންތަކެވެ. މިގޮތުން ތަރާވީސް ނަމާދުގައި ބައިވެރިވުމާއި ދަމު ނަމާދު ކުރުމާއި ވިތުރި ކުރުމަކީ ވެސް މިފަދައިން ކުރެވިދާނެ މުހިންމު އަޅުކަންތަކެވެ. މިގޮތަށް ނަމާދުކުރާ އިރު ގިނަ އިރު ކޮޅަށް ހުރުމަށް މަސައްކަތް ކޮށް ދިގު ދުއާތައް ކިޔާ ހަދާށެވެ. އަދި ސަޖިދައިގައި ވެސް ގިނަ ވަގުތު ހޭދަކޮށް މާތް ﷲ ތައާލާ ހަޒްރަތަށް ކުއްތަން ވާށެވެ.