ގިނަ ބައެއްގެ އަތުން އެތަށް މިލިއަން ރުފިޔާއެއް ނަގާ ފިލައިގެން އުޅުނު ސީލައިފް ގްލޯބަލްގެ ވެރިޔާ، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައަކީ އިޖުރާއީ ގޮތުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން މިއަދު ބާތިލު ކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ވަނީ ޕީޖީން އެ ކޯޓުައި އިސްތިއުނާފް ކުރި މައްސަލައިގައި ހުކުމް އިއްވާފައެވެ. މިއަދު ކުރި ހުކުމުގައި، ހައިކޯޓުގެ ނިންމުން ބާތިލުކުރުމަށް ފަހު މައުލޫއީ ގޮތުން އެ މައްސަލަ ބެލުމަށް އެ ކޯޓަށް ވަނީ އަމުރު ކޮށްފައެވެ.

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އައްމަޓީ މިދިޔަ މަހު ކްރިމިނަލް ކޯޓުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހުއެވެ. މީގެ ކުރިން ދެ ފަހަރަށް ކްރިމިނަލް ކޯޓުން އައްމަޓީ ދޫކޮށްލުމުން ވެސް، އޭރު އައްމަޓީ އަލުން ބަންދުކުރީ ހައި ކޯޓުގެ އަމުރަށެވެ.

ނަމަވެސް އައްމަޓީ ބަންދުން ދޫކޮށްލި ތިން ވަނަ ފަހަރު އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރަން އެދުމުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ. މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރަން ހުށަހެޅުމުން ހައިކޯޓުން ބުނެފައި ވަނީ ކޯޓު އަމުރުތައް 48 ގަޑިއިރުގެ ތެރޭގައި އިސްތިއުނާފު ކުރަންޖެހޭ އިރު، އައްމަޓީ ދޫކޮށްލި މައްސަލަ ޕީޖީން ހުށަހަޅާފައިވަނީ އެ މުއްދަތު ހަމަވިފަހުން ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި، ގަޑިއިރުން ކުރަންޖެހޭ ކަންކަން ބަޔާންކޮށްފައި ހުރި ކަންކަމުގައި 'ގަޑި' ގުނާނެ ގޮތް ގާނޫނުގައި ނެތް ކަމަށާއި މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގައި ވެސް ގަޑި ގުނާނެ ގޮތް ބަޔާންކޮށްފައި ނުވާ ކަމަށް ހައިކޯޓުން ބުނެއެވެ.