މި ދުވަސްވަރު ދިވެހި ސުފުރާތަކަށް އެންމެ ހާއްސަ އެއް ބާވަތަކީ ކަރާ ކަމުގައި ވާ އިރު، މި މޭވާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އާންމު މޭވާއެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި 1200 އަށްވުރެ ގިނަ ބާވަތުގެ ކަރާ ހައްދައެވެ. ނަމަވެސް، ޑެންސްކޭއޭ ކިޔާ ޖަޕާނުގެ ކަޅު ކަރައަކީ، އަގުގެ ގޮތުން ބަލާއިރު އެހެން މަންޒިލަކުން އެފަދަ ދެވަނައެއް ލިބޭނެ ކަރައެއް ނޫނެވެ.

ޑެންސްކޭ ކަރާ ހައްދަނީ ޖަޕާނުގެ އުތުރުގެ ކުޑަ ރަށެއް ކަމަށް ވާ ހޮކައިޑޯގައި އެކަންޏެވެ. ހައްދަނީވެސް އިންތިހާ މަދުންނެވެ. މުޅި އަހަރު ދުވަހު ތެރޭގައިވެސް ހައްދަނީ 100 އެއްހާ ކަރައެވެ. މި ބާވަތުގެ ކަރައަކީ ބާޒާރެއްގެ ގޮޅިއަކުން ނުވަތަ ކަޑައަކުން ގަންނަން ލިބޭނެ ކަރައެއް ނޫނެވެ. އަދަދުގެ މަދުކަމާއެކު، ޑެންސްކޭ ކަރާ ވިއްކަނީ، ނީލަމުގެ އުސޫލުންނެވެ. ސަތޭކައިން އަގު ކުރަމުން ގޮސް ބައެއް ފަހަރު ހާހުންވެސް ޑޮލަރު ދައްކައިގެންނެވެ.

ތާރީހަށް ބަލާއިރު އެންމެ ބޮޑު އަގެއްގައި ޑެންސްކޭ ކަރާ ނީލަން ކިޔާފައި ވަނީ 2019 ވަނަ އަހަރުއެވެ. އެ ފަހަރު ޑެންސްކޭ ކަރައެއް ނީލަން ކީ 750000 ޖަޕަނީޒް ޔެން ނުވަތަ 6 އެއްކަ ހާސް އެމެރިކާ ޑޮލަރަށެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ، 92700 ރުފިޔާއެވެ. ނުވަތަ ލައްކައެއްހާ ރުފިޔާއެވެ. ނަމަވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު، ޑެންސްކޭ ކަރައިގެ އަގު ވަނީ ހިސާބަކަށް ވެއްޓިފައެވެ. އެހެނެއް ކަމަކު، އަދިވެސް މިއީ އެންމެ އަގުބޮޑު ކަރައެވެ.

ހަމައެކަނި ޖަޕާނުގައި ހައްދާ ޑެންސްކޭ ކަރާ / ފައިލް ފޮޓޯ: ޓޭސްޓްއެޓްލަސް

ޑެންސްކޭ ކަރައަކީ އޭގެ ތޮށިގަނޑުގެ ގަދަ ކަޅު ކަމާއި އަރަމުންދާ އޮފުކަމަށް މަޝްހޫރު ކަރައެކެވެ. މި ކަރާގެ އެތެރެ އިންތިހާއަށް ތާޒާވެފައި، އެހެން ގިނަ ބާވަތްތަކުގެ ކަރައަށް ވުރެ ފޮނިވެފައި، އޮއްވެސް މަދެވެ. ޑެންސްކޭ ކަރައެއް ރަހަ ބަލާލަން ލިބުނު މަދު މީހުން ސިފަކުރާ ގޮތުގައި ޑެންސްކޭގައިވެސް ލަނީ ހަމަ ކަރާ ރަހައެވެ. އެކަމަކު މާ ފުރިހަމަ ރަހައެކެވެ.

ޑެންސްކޭ ކަރައެއްގެ އަގު ކަނޑައެޅުމުގައި، އެ ކަރާ ހައްދަން ހޭދަ ކުރި ވަގުތާއި މަސައްކަތުގެ އުޖޫރަވެސް ހިމަނައެވެ.

ކޮންމެ އަހަރަކުވެސް އެންމެ ފުރަތަމަ ކޮޅު ވިއްކާ ޑެންސްކޭ ކަރާގެ އަގު ބޮޑުވި ކަމުގައި ވީ ނަމަވެސް، އާންމުކޮށް ޑެންސްކޭ ކަރައެއް ވިއްކަން ފަށާ އަގަކީ 250 ޑޮލަރެވެ. އަގު ކިއަނީ މުޅި ކަރައަށެވެ. އެހެން ކަމުގައި ވީ ނަމަވެސް، މިއީ އެންމެ ކަރައަކަށް ދުނިޔޭގެ އެހެން މަންޒިލެއްގައި ކިޔާނެ އަގެއް ކަމަކަށް ނުބެލެވެއެވެ.

އަގާ އެއްވަރަށް ޑެންސްކޭ ކަރައަކީ ހާއްސަ ޝަރަފަވެސް އޮތް ކަރައެކެވެ. ގުޅުންތައް ދެމެހެއްޓުމާއި ބަދަހި ކުރުމަށް ޑެންސްކޭ ކަރައެއް ހަދިޔާ ކުރާއިރު، އެއީ ސައްތަ އިންސައްތަ ޑެންސްކޭ ކަރައެއްކަން ކަށަވަރު ކޮށްދޭ ސަނަދުތައްވެސް އެ ކަރާ ބަންދު ކުރާ ފޮށީގައި ހިމަނައެވެ.

ޖަޕާނުން ބޭރުގައި ޑެންސްކޭ ކަރާ ނުހައްދަނީ ކީއްވެކަމެއް ސާފެއް ނުވެއެވެ. ނަމަވެސް، ވިޔަފާރި އުސޫލުން ޑެންސްކޭ ކަރާގެ އޮށް، ވިލާތާއި އުތުރު އެމެރިކާއިން ގަންނަން ލިބޭ ކަމަށް ހަބަރު ލިބެއެވެ.