ކުރިމަތިލުންތަކާއި ހަނގުރާމަ އިންތިހާއަށް ގަދަވެފައިވާ ސޫދާންގެ ދާރްފޫރް ސަރަހައްދުގައި، އަރަބީންނާއި އެނޫން މީހުންނާ ދެމެދު ހިންގަމުންދާ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 168 އަށް އަރާފައި ވާ ކަމަށް، ސޫދާންގެ އެހީދޭ ޖަމިއްޔާއަކުން ބުނެފިއެވެ.
ޖެނެރަލް ކޯޑިނޭޝަންލ ފޮ ރެފިއުޖީޒް ޑިސްޕްލޭސްޑް އިން ދާރްފޫރްގެ ތަރުޖަމާނު، އެޑަލް ރީގަލް ވިދާޅުވީ، ހުޅަނދު ދާރްފޫރް ޕްރޮވިންސްގެ ކްރެއިނިކް ސަރަހައްދުގައި ހިންގަމުންދާ ތަޅާފޮޅުންތަކުގައި ޒަހަމްވީ މީހުންގެ އަދަދުވެސް 98 އަށް އަރާފައި ވާ ކަމަށެވެ.
ހަމަނުޖެހުންތައް ފެށުނީ މިދިޔަ ބުރާސްފަތި ދުވަހު، ކާކުކަން ދެނެގަނެވިފައި ނުވާ މީހަކު، އިތުރު 2 މީހަކު މަރާލި ހިސާބުންނެވެ. އޭގެ ފަހުން އިތުރު ސަރަހައްދުތަކަށް ހަމަނުޖެހުން ގަނޑު ފެތުރިގެން ދިޔައެވެ. އަދި އަނިޔާ ލިބިފައި ވާ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށްވެސް، ހަތިޔާރުއެޅި ގުރޫޕުތަކުން އެމީހުންނަށް ހަމަލާ ދިން ކަމަށް، ކުރީގެ މެޑިކަލް ޑައިރެކްޓަރު އަދި ޑޮކްޓަރެއް ކަމަށް ވާ ސަލާހް ސޯލިހު ވަނީ ވިދާޅުވެފައެވެ.
އާންމު ވެފައި ވާ މަންޒަރުތަކަށް ބަލާއިރު ގެތަކުގައި ހުޅު ޖަހާ އަންދާ މަންޒަރު ފެނެއެވެ. އަދި މީގެ ކުރިން ޖިފުޓި ހުރި ތަންތަން ކަމަށް ބެލެވޭ ސަރަހައްދުތަކެއް، އަންދާ އަޅިއަށް ހަދާފައި ވާތީވެސް ފެނެއެވެ. ނަމަވެސް އެއީ އެންމެ ސައްހަ ފޮޓޯތަކެއްކަން ބައިނަލްއަގުވާމީ މީޑިއާއަށް ކަށަވަރެއް ނުކުރެވެއެވެ.
ރެޑް ކްރޮސް ކޮމިޓީއިން ވަނީ، ޒަހަމްވެފައި ވާ މީހުންނަށް ރައްކާތެރިކަމާއެކު ހޮސްޕިޓަލްތަކަށް ދެވޭނެ ކަން ކަށަވަރު ކޮށްދިނުމަށް ގޮވާލާފައެވެ.
އެހީދޭ ގުރޫޕުން ވަނީ، ސޫދާންގައި އެންމެ ފަހުން އުފެދިގެން އުޅޭ ހަމަނުޖެހުންތަކަކީ، ސަރުކާރުގެ އެއްބާރުލުން ލިބިފައިވާ ހަތިޔާރުއެޅި ގުރޫޕެއް ކަމަށް ވާ ޖަންޖަވީދުން ރާވާ ކަމެއް ކަމަށް ތުހުމަތު ކޮށްފައެވެ. އެއީ މައިގަނޑު ގޮތެއްގައި އަރަބީންނަށް ނިސްބަތްވާ ގުރޫޕަކަށް ވާ އިރު، އެ ޖަމާއަތުގެ ބާރު ގަދަ ކުރަން ފެށީ 2000ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ.
ސޫދާންއަކީ ސިލްސިލާ ގޮތެއްގައި ނަސްލީ ކޯޅުންތަކާ ހަމަނުޖެހުންތައް ހިންގަމުން ދާ ގައުމެކެވެ. 2003 ވަނަ އަހަރުގެ ހަމަނުޖެހުންތަކާ ގުޅިގެން 3 ލައްކައެއްހާ މީހުންގެ ފުރާނަ ގެއްލި، 2.5 މިލިއަން މީހުންގެ ގެދޮރު ގެއްލުނު ކަމަށް އދގެ ރެކޯޑްތަކުން ދައްކައެވެ.
މިދިޔަ އޮކްޓޯބަރު މަހު ސޫދާންގައި ކުރި ބަޣާވާތަށް ފަހު، އެ ގައުމުގެ މަސްރަހު ވަނީ އިތުރަށް ނުތަނަވަސް ވެފައެވެ.