އިންޑިއާގެ ނިއުދިއްލީގައި ބާއްވާ ހަތް ވަނަ ރައިސިނާ ޑައިލޮގް ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވާނެއެވެ.

މަޖިލިސް އިދާރާއިން ބުނީ ރައިސިނާ ޑައިލޮގްއަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި އޮގްޒާވާ ރިސާޗް ފައުންޑޭޝަން ގުޅިގެން ކޮންމެއަހަރަކު ބާއްވާ ބައިނަލްއަގްވާމީ ކޮންފަރެންސެއް ކަމަށެވެ.

މި މަހުގެ 25 އިން 27 އަށް ނިއުދިއްލީގައި ބާއްވާ މިއަހަރުގެ ކޮންފަރެންސްގައި ނަޝީދު ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާއިރު މަޖިލީހުން ބުނީ ނަޝީދުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާއި ފާގަތި ދިރިއުޅުމާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާނެ ކަމަށެވެ. އަދި ހާއްސަކޮށް ގައުމުތައް ދަރަނިވެރިވުމާއި ދަރަނީގެ ސަބަބުން އެ ގައުމުތަކުގެ ބިމުގެ މިލްކުވެރިކަން ގެއްލެމުން ދިއުމާގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެ ކަމަށް ވެސް މަޖިލީހުން ވަނީ ބުނެފައެވެ.

ނަޝީދު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ އިތުރުން އެ ގައުމުގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުން ބުނެއެވެ.