މި އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭ ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ބައި މިލިއަން ހުރަސްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިމަހުގެ 20 ގެ ނިޔަލަށް 531،019 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އެ މުއްދަތުގައި މިދިޔަ އަހަރު އައިސްފައިވަނީ 362،782 ފަތުރުވެރިންނެވެ. އެހެންކަމުން އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 46 ޕަސެންޓުގެ އިތުރުވުމެކެވެ.

މިމަހުގެ 20 ގެ ނިޔަލަށް 99،508 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މިދިޔަ އޭޕްރިލް މަހުގެ އެ މުއްދަތުގައި އައިސްފައިވަނީ 64،212 ފަތުރުވެރިންނެވެ. އެހެންކަމުން، މި އޭޕްރިލް މަހު އައި ފަތުރުވެރިންގެ އަދަދު މިދިޔަ އޭޕްރިލް މަހަށް ވުރެ 55 ޕަސެންޓު އިތުރެވެ.

ބޭރުގެ މާކެޓްތަކަށް ބަލާއިރު، ރަޝިއާ އާއި ޔޫކްރައިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރަޝިއާ މާކެޓް ފަހަތަށް ޖައްސާލުމަށްފަހު، މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 69،908 ފަތުރުވެރިން އައިސްފައިވާއިރު، އަވަށްޓެރި އިންޑިއާއިން 59،404 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. ރަޝިއާއިން އައިސްފައިވަނީ 54،624 ފަތުރުވެރިންނެވެ.

މިހާރު 27 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު، 973 ޓޫރިސްޓް ފެސިލިޓީއަކުން އަންނަނީ ހިދުމަތް ދެމުންނެވެ.