ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލަ އަންނަ އާދިއްތަ ދުވަހު ނިންމުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އައްމަޓީ މިދިޔަ މަހު ކްރިމިނަލް ކޯޓުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހުއެވެ. މީގެ ކުރިން ދެ ފަހަރަށް ކްރިމިނަލް ކޯޓުން އައްމަޓީ ދޫކޮށްލުމުން ވެސް، އޭރު އައްމަޓީ އަލުން ބަންދުކުރީ ހައި ކޯޓުގެ އަމުރަށެވެ. ނަމަވެސް އައްމަޓީ ބަންދުން ދޫކޮށްލި ތިން ވަނަ ފަހަރު އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރަން އެދުމުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ. އެހެންކަމުން ޕީޖީން ވަނީ ހައިކޯޓުން އެ މައްސަލަަ ބޭރުކޮށްލި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

އެހެންނަމަވެސް އެ މައްސަލަ ހުށައަޅާފައިވަނީ އެބާވަތުގެ މައްސަލަތައް އިސްތިއުނާފުކުރަން އޮންނަ 48 ގަޑިއިރަށްވުރެ ފަހުންކަމަށް ކަނޑައަޅާ ހައިކޯޓުންވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

ހައިކޯޓުގެ ނިންމުމުގައި ބުނާ 48 ގަޑިއިރު ގުނަންޖެހޭނީ ދަށު ކޯޓުން މައްސަލަ ނިންމާ ދުވަސް ނުހިމަނާކަމަށް ބުނެ ހައިކޯޓްގެ ނިންމުމަކީ ގާނޫނީ އަސާސްތަކާއި ހިލާފު ނިންމުމެއްކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލް އެ މައްސަލަ ސުޕްރީމްކޯޓަށް ހުށައަޅިއެވެ.

އެ މައްސަލާގެ އަޑުއެހުންތައް މި ހަފުތާގައި ނިންމާފައިވާއިރު އަންނަ އާދިއްތަ ދުވަހު މައްސަލަ ނިންމަން އެންމެ މަތީކޯޓުން ވަނީ ތާވަލުކޮށްފައެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައި ވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައި ވެއެވެ. ހުޅުމާލޭގައި 3،000 ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި ފައިސާ ނެގުމަށްފަހު ފައިސާ އަނބުރާ ނުދީ އަންމަޓީ ފިލައިގެން އުޅެނިކޮށް އޭނާ ރާއްޖެ ގެނެސް 42 ދައުވާއެއް ވަނީ އުފުލާފައެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އޮތް އަޑުއެހުމުގައި އައްމަޓީ ވަނީ އެ ދައުވާތަކަށް އިންކާރުކޮށްފައެވެ.