"އިންޑިއާ އައުޓް"ގެ ނަމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި ހިންގާ ހަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވާފައި ވަނިކޮށް އަކުރުތައް ބަދަލުކޮށް ދަމާފައިވާ "އިން ޑިއާ އައުޓް" ބެނާވެސް ނަގައިފިއެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ ރައީސް އިއްޔެ ގަރާރެއް ނެރުއްވައި، އެ ހަރަކާތް ހުއްޓުވަން ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައިވާއިރު، އެ ހަރަކާތާ ގުޅުން ހުރި ބައެއް ބެނާތައް ފުލުހުން ނަގާފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ދިރިއުޅުއްވާ ހ. ދޫވެހީގައި ހަރުކޮށްފައިވާ ބެނާ އާއި ޕީޕީއެމްގެ އޮފީހުގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް" ބެނާވެސް ހިމެނެއެވެ.

އެހެންކަމުން، އިދިކޮޅުން ވަނީ "INDIA OUT" ގެ އަކުރުތައް "IN DEAR OUT"އަށް ބަދަލުކޮށް ރޭގެ ވަގުތެއްގައި ގަލޮޅުގެ ގެއެއްގައި ބެނާއެއް ދަމައިފައެވެ. ނަމަވެސް ފުލުހުން ވަނީ މިއަދުގެ ވަގުތެއްގައި އެ ބެނާ ނަގައިފައެވެ.

ރައީސް ނެރުއްވި ގަރާރުގައިވާ ގޮތުން، އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެކެވެ. އަދި އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށާއި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމާންކަމާއި ދާހިލީ ހަމަޖެހުމުގެ އިތުރުން، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަންވެސް ގެއްލުވާލާ ކަމަށް އެ ގަރާރުގައިވެއެވެ.

އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންމެ ހަރަކާތެއް ސަރުކާރުން ހުއްޓުވަން ޖެހޭ ކަމުގައިވެސް އެ ގަރާރުގައި ރައީސް ވިދާޅުވެފައިވެއެވެ.

އެއާއެކު، ރައީސް ނެރުއްވި ގަރާރު ބާތިލްކުރަން ކޯޓަށް ދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ އިއްޔެ ބުނެފައެވެ.