މަސްވެރިން ބާނާ މަހަށް ހަދާނެ ގޮތާ މެދު ސަރުކާރަށް އެއްވެސް އިރަކު ނުވިސްނިގެން ނޫޅޭ ކަމަށާއި، ސަރުކާރުން އެ ގޮތަށް އަމަލު ނުކުރަނީ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ގދ. ތިނަދުއަށް ޒިޔާރަތްކޮށް އެ ރަށުގެ މަސްވެރިންނާ އިއްޔެ ބައްދަލުކޮށްފައި ވާއިރު، މަސްވެރިން ވަނީ އެ މީހުންގެ ދަތިތަކާއި ކަންބޮޑުވުންތައް އަދި ޝަކުވާތައް ހިއްސާކޮށްފައެވެ.

އެ ބައްދަލުވުމުގައި ޝުއޫރު ފާޅުކުރި މީހަކު ބުނި ގޮތުގައި، މަސްވެރިން ވަރަށް ބައިވަރު ދަތިތަކާއި ގޮންޖެހުންތަކާ ކުރިމަތިލައިފިއެވެ. އޭނާ އިތުރަށް ބުނީ ހުވަދޫގައި އަމިއްލަ މަސް ފެކްޓްރީއެއް އަޅައި، އޮޕަރޭޓް ކުރުމުގެ ގާބިލްކަންވެސް އެބަހުރި ކަމަށެވެ.

"އަޅުގަނޑަކަށް ހިޔެއް ނުވޭ ހުވަދު އަތޮޅުގެ އެއްވެސް މަސްވެރިއަކަށް ތި ކޫއްޑޫގެ ކެޕޭސިޓީއެއް އައިސް ސްޓޯރޭޖެއް މަސް ވިއްކާނެ ތަނެއް ބޭނުންވާނެ ހެނެއް. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ހުވަދު އަތޮޅުގެ މަސްވެރިންގެ ހިތްވަރު އެބަހުރި ކަންނޭނގެ. އަޅުގަނޑުމެން އަމިއްލައަށް އިންޓަނޭޝަނަލް މާކެޓުންވެސް މީހުން ހޯދަނީ. އަޅުގަނޑުމެން އަމިއްލައަށް މަސް ކިރާ ފެކްޓްރީއެއްވެސް ގެނެވިދާނެ. އަޅުގަނދަށް ހީވަނީ މި ހުވަދު އަތޮޅުގެ ހުރިހާ ދޯނިތަކެއް ކިރާލާފިއްޔާ 400، 500 ޓަނު އަޅުގަނޑުމެންނަށް ނުލިބޭނެ ގޮތެއް ނޯންނާނެ." ފޯރަމްގައި ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އޭގެ އިތުރުންވެސް އެ ބައްދަލުވުމުގައި މަސްވެރިންގެ މެދުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައި ވާއިރު، ވަކި ހިސާބަކުން އެ ބައްދަލުވުން ހޫނުވެ، މަސްވެރިން ވަނީ މެންބަރުން ތިބި މޭޒު ކައިރިއަށް ގޮސް ޝުއޫރު ފާޅުކޮށްފައެވެ.

އެއާއެކު، މިއަދު ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ، މަސްވެރިން ބާނާ މަހަށް ހަދާނެ ގޮތެއް ނޭނގިގެން ސަރުކާރުން ނޫޅޭ ކަމަށެވެ.

"[ސަރުކާރުން] އެ ގޮތް ނަހަދަނީ." ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ލަފާކުރެވޭ ގޮތުގައި ނަޝީދު މިހެން ޓްވީޓް ކުރައްވާފައި ވަނީ މި ސަރުކާރުގެ ވައުދެއް ކަމަށްވާ "ގޭދޮށު މަސް ފެކްޓްރީ އެޅުން،" މި ވައުދުގެ ދަށުން އަދި އެއްވެސް މަސައްކަތެއް ސަރުކާރުން ކުރެވިފައި ނުވާތީ ކަމަށް ބެލެވެއެވެ. ގޭދޮށު މަސް ފެކްޓްރީ އެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.

މީގެ ކުރިންވެސް ބައެއް ކަންކަމުގައި ނަޝީދު ސަރުކާރަށް ފާޑު ވިދާޅުވެފައި ވާއިރު، އެމްޑީޕީގެ މެނިފެސްޓޯއަށް ރުޖޫއަވެ، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ނަޝީދު ގޮވާލައްވާފައި ވެއެވެ.