ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވާ ކަމަށް ކަނޑައަޅާ "އިންޑިއާ އައުޓް" ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައި މިއަދު ނެރުއްވި ގަރާރަށް ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ ކެމްޕެއިންގެ ދަށުން ރައީސް ޔާމީންގެ ގެކޮޅުގައި ދެމި ބެނާ މިއަދު ފުލުހުން ވަނީ ކޯޓު އަމުރުގެ ދަށުން ނާގާފައެވެ.

ފުލުހުން ކޯޓު އަމުރެއްގެ ދަށުން ޔާމީންގެ ގޭގައި ހަރަކާތްތެރިވަމުން ދަނިކޮށް ރައީސް ޔާމީން ވަނީ ބޭރަށް ނިކުމެވަޑައިގެންފައެވެ. އަދި އެ ގަރާރުގެ ހަބަރު މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހަމަދު ނަރީޝް ވަނީ ރައީސް ޔާމީނަށް ދެއްވާފައެވެ. އެކަމަށް ފާޑުވިދާޅުވެ ރައީސް ޔާމީން "ހާދަ ވަރަކަށް ދަށުވެފަ އޭ ދޯ،" އޭ ވިދާޅުވިއެވެ.

ފުލުހުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ "އިންޑިއާ އައުޓް" ޖަހާ ބެނާ ދަމާފައި ހުރުމަކީ ވަކި ގައުމަކަށް ނިސްބަތްކޮށް ހިންގޭ އެ ގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލެއްގެ ގޮތުގައި ސިފަވުމާއި ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް އޭގެ ސަބަބުން ނުރަންގަޅު އަސަރުކޮށް އެ ގައުމުތަކުގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހީންގެ މަސްލަހަތަށްވެސް ގެއްލުން ވެދާނެ ކަމެއް ކަމަށެވެ.