ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ ކެމްޕެއިންގެ ދަށުން ދަމަމުންދާ ހަރުކުރަމުންދާ ބެނާތައް ނަގަން ނުކުންނަ ފުލުހުންނާއި ދެކޮޅަށް ދައުވާ ކުރާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ދަށުން މާލޭގެ ބޮޑެތި ބައެއް އިމާރާތްތަކުގައި އެ ކެމްޕެއިން ބެނާތައް ދެމުމުގެ މަސައްކަތް އިދިކޮޅުން ވަނީ ފަށައިފައެވެ. އެގޮތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ޕާޓީގެ މައި އޮފީހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ގެކޮޅުގެ އިތުރުން މާލެތެރޭގެ ބައެއް ސަރަހައްދުތަކުގައި ހުންނަ އުސް ބައެއް އިމާރާތްތަކުގައި ވެސް "އިންޑިއާ އައުޓް" ޖަހާފައިވާ ބޮޑު ބެނާއެއް ވަނީ ނަގައިފައެވެ. ފުލުހުން ވަނީ ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައިވާ ބެނާ ނަގަން އަންގައިފާ ވާނެ ކަަމަށްވެސް ބުނެފައެވެ.
އެކަމާ ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބެނާތައް ނަގަން ނުކުންނަ ފުލުހުން ކުރާ ގާނޫނާ ހިލާފު ކަންކަމަށް ދައުވާ ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ ހަރަކާތަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ތެރެއިން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
"އިންޑިއާ އައުޓް" ޖަހާ ބެނާ ދަމާފައި ހުރުމަކީ ވަކި ގައުމަކަށް ނިސްބަތްކޮށް ހިންގޭ، އެ ގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލެއްގެ ގޮތުގައި ސިފަވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް އޭގެ ސަބަބުން ނުރަނގަޅު އަސަރުކޮށް އެ ގައުމުތަކުގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހީންގެ މަސްލަހަތަށްވެސް ގެއްލުން ވެދާނެ ކަމެއް ވެސް ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން މިގޮތަށް އަންގައިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، މާލޭގެ ބޮޑެތި އިމާރާތްތަކުގައި އިންޑިއާ އައުޓް ބެނާތައް ދެމުމަކީ ގާނޫނުލްއުގޫބާތާ ހިލާފު ކަމެއް ކަމަށާއި ފުލުހުން ވަގުތުން ވަގުތަށް އެ ތަކެތި ނަގަން ޖެހޭ ކަމަށް ވިދާޅުވެފައި ވާ ދަނޑިވަޅެއްގައެވެ.