ހައި ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް ފަނޑިޔާރުކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމާފައިވަނީ ޖޭއެސްސީން މިރޭ ބޭއްވި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ދެ ފަނޑިޔާރުން ވަކިކުރަން ހުށަހަޅަން ފާސްކުރީ އެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވުމާ ގުޅިގެންނެވެ.

ޖޭއެސްސީން ބުނީ އެ ދެ ފަނޑިޔާރުން ވަކިކުރަން ހުށަހެޅީ ގާނޫނު އަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާ ކަމަށް އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށް ތުހުމަތުކޮށް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގުކޮށް ބެލުމަށްފަހު ކަމަށެވެ.

އެގޮތުން ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓްތަކެއް ކަމަށް ޖޭއެސްސީން ބުނެއެވެ.

އެގޮތުން ފަނޑިޔާރުންނަށް ހައުސިންގް ހަމަޖެއްސުމުގެ އުސޫލެއް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ނެތްހިނދު، ހައިކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓެއް ދީފައިވަނީ މާލީ ހާއްސަ ލުއިތަކަކާއެކު އަދި މި ބާވަތުގެ ހައުސިން ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ވެސް ބޭރުންކަން ފާހަގަވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ވަނީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފަށް ހަވާލުކުރި އެ ފްލެޓްތަކާ ހައިކޯޓުގެ ފަނޑިޔާރު އަބުދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ހަވާލުވުމަކީ ގާނޫނު އަސާސީއާ ހިލާފު އަމަލެއް ކަމަށްވެސް ބުނެފައެވެ.

އެގޮތުން މިއީ ސުލޫކީ މިންގަނޑުގެ 3.1 ގައި ކަނޑައަޅާފައި އޮންނަ ފަނޑިޔާރުންގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާ މެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަކަށް ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަން ވާނެ ކަމުގައި އޮންނަ އޮތުމާއި ސުލޫކީ މިންގަނޑުގެ 3.2 ގައި ފަނޑިޔާރުންގެ އަހްލާގީ މިންގަނޑު ބަހައްޓަންވާނީ ޝަރުއީ ދާއިރާގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާ މެދު އާންމުންގެ މެދުގައި އިތުބާރުކުރެވޭފަދަ މަތީ ދަރަޖައަކަށް ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމާ ހިލާފް އަމަލެއްކަން ސާބިތުވާ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.