ކިތަށް އަހަރުހޭ އަހާލުމުން އޭގެ ޖަވާބު ނޭނގޭ މީހަކު މަދުވާނެއެވެ. ބުނަން ބޭނުން ނުވި ކަމުގައި ވީ ނަމަވެސް އަމިއްލަ ނަފުސަށް އެ ޖަވާބު އެނގެއެވެ. ކަން މިހެން އޮތް ނަމަވެސް އުމުރުން ވީ ދުވަހެއް ގުނުމަކީ ދެކުނު ކޮރެއާ މީހުންނަށް މާ ފަސޭހަ ކަމެއް ނޫނެވެ.

ދެކުނު ކޮރެއާގައި އުމުރު ބަލަން ގެންގުޅެނީ މުޅިން ތަފާތު މިންގަނޑެކެވެ. ކޮންމެ ކުއްޖަކުވެސް އުފަން ވާއިރު އެއީ 1 އަހަރުގެ ކުއްޖެއް ކަމުގައި ބަލައެވެ. ޖެހިގެން އަންނަ އާ އަހަރު ފެށޭ ދުވަހު އަނެއްކާވެސް އުމުރަށް އަހަރެއް އިތުރު ކުރެއެވެ. އެހެން ކަމުން، ޑިސެމްބަރުގައި ވިހާ ކުއްޖަކަށް، ދެތިން ހަފުތާއެއްގެ ތެރޭގައި 2 އަހަރު ފުރެއެވެ.

ނަމަވެސް ދެކުނު ކޮރެއާގެ އިންތިހާބީ ރައީސް ޔޫން ސުކް-ޔިއޯލް ގެންދަވަނީ، އެތައް ސަތޭކަ އަހަރެއް ވަންދެން ދެކުނު ކޮރެއާގައި އުމުރު ބަލަން ގެންގުޅޭ އުސޫލު ބަދަލު ކުރައްވަން މަސައްކަތް ކުރައްވަމުންނެވެ.

އިންތިހާބީ ރައީސްގެ އިންތިގާލީ ކޮމިޓީގެ ޗީފް، ލީ ޔޮންގް-ހޯ ވިދާޅުވީ، ދުނިޔޭގެ އެހެން މީހުންނެކޭ އެއް ހަމައަކަށް ދެކުނު ކޮރެއާގެ ރައްޔިތުން ގެނައުމަށް، އާންމު އުސޫލަކުން އެ ސަރުކާރުން މަސައްކަތް ކުރަމުން ދާނެ ކަމަށެވެ. އުމުރު ބެލުމަށް ދެކުނު ކޮރެއާގައި ގެންގުޅޭ ހާއްސަ އުސޫލުގެ ސަބަބުން ބޮޑެތި އޮޅުންތަކެއް އަރާ، އިގުތިސޯދީ ގޮތުންވެސް ބޮޑެތި ހަރަދުތަކެއް ހިނގާ ކަމަށް އިންތިހާބީ ރައީސްގެ އިންތިގާލީ ކޮމިޓީގެ ޗީފް ވިދާޅުވިއެވެ.

އުމުރަކީ "ހަމައެކަނި ނަމްބަރެއް" ކަމަށް ބައެއް މީހުން ބުނި ކަމުގައި ވީ ނަމަވެސް، އުމުރަކީ ދެކުނު ކޮރެއާއަށް މުހިންމު އަދަދެކެވެ. އަނެކާގެ ނަން އެނގުމަށް ވުރެ، އެމީހަކީ ތިމާއަށް ވުރެ ދޮށި ނުވަތަ ހަގު މީހެއްކަން އެނގުމަކީ ދެކުނު ކޮރެއާގެ ސަގާފަތުގައި މުހިންމު ކަމެކެވެ. އަނެކާއާ މެދު މުހާތަބު ކުރާ ގޮތްވެސް އެކަމުގެ މައްޗަށް ބަރޯސާވާތީއެވެ.

ދެކުނު ކޮރެއާގައި އުމުރު ބަލަން ގެންގުޅޭ އުސޫލުގެ އަސްލު އޮތީ ޗައިނާއާއި އޭޝިއާގެ އެހެން މަންޒިލްތަކެއްގައި ނަމަވެސް، ދެކުނު ކޮރެއާއަކީ އަދާ ޖެހުނު އިރުވެސް އެ ނިޒާމުން އުމުރު ގުނާ ހަމައެކަނި ގައުމު ކަމަށް ގަބޫލު ކުރެވެއެވެ.

ދުނިޔެވީ އާންމު އުސޫލުން އުމުރު ބަލަން ފެށި ކަމުގައި ވީ ނަމަވެސް، އެތައް ސަތޭކަ އަހަރެއް ވަންދެން ދެކުނު ކޮރެއާގައި ހަރުލާފައި ވާ އާދަ ކަނޑުވާލުމަށް އަދި ދުވަސްތަކެއް ހޭދަ ވާނެ ކަމަށް ގަބޫލު ކުރަން ޖެހެއެވެ.