ށ. ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

މިނިސްޓްރީން ބުނީ، ކޮމަންޑޫގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 30 ހައުސިން ޔުނިޓް އަޅައި ދިނުމުގެ މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މެއި މަހުގެ 23 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި ފައިސާ ބަލައި ގަންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 150,000.00 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށް ފިނޭންސުން ބުނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އަޅަން ބީލަމަށް ހުޅުވާލާފައިވާއިރު މިމަހު 3 ވަނަ ދުވަހު ފޭދޫގައި 75 ހައުސިން ޔުނިޓް އަޅަން ބީލަމަށް ވަނީ ހުޅުވާލާފައެވެ. އަދި މިދިޔަ މަހު 24 ވަނަ ދުވަހު ވަނީ ކުރެންދޫގައި 50 ހައުސިން ޔުނިޓް އަޅަން ބީލަމަށް ހުޅުވާލާފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ވަނީ 7 ރަށެއްގައި ހައުސިން ޔުނިޓްތައް އެޅުމުގެ މަޝްރޫއުއެއް އިއުލާންކޮށް، އަމަލީ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ހުޅުވާލާފައެވެ.

މިގޮތުން ކުޅުދުއްފުށި ސިޓީގައި 400 ހައުސިން ޔުނިޓް، ލ.ގަމުގައި 100 ރޯހައުސް، ށ.މިލަންދޫގައި 50 ހައުސިން ޔުނިޓް، ގއ.ވިލިނގިލީގައި 50 ހައުސިން ޔުނިޓް އަދި ނ.ހޮޅުދޫގައި 30 ހައުސިން ޔުނިޓްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.

މީގެ އިތުރަށް ޅ.ހިންނަވަރުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓް އަދި މަނަދޫގައި 40 ހައުސިން ޔުނިޓް އަޅާދޭނެ ބަޔަކު ހޯދުމަށް އިއުލާން ކުރިއެވެ.

އަތޮޅުތަކުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ހަރަދުކުރަން ދައުލަތުގެ މިއަހަރުގެ ބަޖެޓުން ވަނީ ހާއްސަކޮށްފައެވެ.