އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި "އިންޑިއާ އައުޓް" ބެނާ އެއް ދަމައިފިއެވެ.
ޕީޕީއެމްގެ މައި އޮފީސް ކައިރި، ބޮޑުތަކުރުފާނު މަގަށް ވާގޮތަށް ހުންނަ ރައީސް ޔާމީންގެ ގެކޮޅުގެ އެންމެ މަތިން ތިރިއަށް ވާގޮތަށް އެ ބެނާ ދަމާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަދި ރަތާއި ފެހި އަދި ހުދު ކުލަައިގެ އެ ބެނާގެ މެދުގައި ބޮޑު އަކުރުން ރަތް ކުލައިން "އިންޑިއާ އައުޓް" ލިޔެފައި ވެއެވެ.
މީގެ ކުރިން ޕީޕީއެމްގެ މައި އޮފީހާއި މާލެ އެހެން ގެއެއްގައިވެސް "އިންޑިއާ އައުޓް" ގެ ބޮޑު ބެނާ ހަރުކުރިއެވެ.
ރައީސް ޔާމިންގެ ގެކޮޅުގައި އިންޑިއާ އައުޓު ބޮޑު ބެނާއެއް މިއަދު ދަމާފައިވާއިރު އިއްޔެގެ ވަގުތެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދާ ހައިޑްރޯގްރެފިކް ސަރވޭގައި ހަރަކާތްތެރިވުމަށް އިންޑިއާގެ ނޭވީގެ މަނަވަރު "ސަތުލެޖް" ރާއްޖެ އައިސް ވަނީ ބަނދަރު ކޮށްފައެވެ.
އިންޑިއާ އައުޓު ހަރަކާތަކީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ. އަދި ރައީސް ޔާމީން ޖަލު ހުކުމުން މިނިވަންވެ ވަޑައިގަތުމަށް ފަހު އެމަނިކުފާނު ގެންދަވަނީ އެ ކެމްޕެއިން އިތުރަށް ފުޅާކުރައްވައި ހަރަކާތްތެރި ވެ ވަޑަައިގަނަވަމުންނެވެ. އެގޮތުން އެ ހަރަކާތުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތް ކުރައްވާ "އިންޑިއާ އައުޓް" ކުރަން އަޑުއުފުއްލަވާފައެވެ.