ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޮނަރަރީ ކޮންސުލްސް ސްކޮލަޝިޕް ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވައިފިއެވެ.

އެ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު އެކަމަށްޓަކައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ބޭއްވި ރަސްމިއްޔާތެއްގައެވެ.

އޮނަރަރީ ކޮންސުލްސް ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން 2022-2023 އަށް 44 ސްކޮލަޝިޕް ފުރުސަތު ހުޅުވާލައިފާވާއިރު އެ ފުރުސަތުތަކަކީ ޖުމްލަ 7 އޮނަރަރީ ކޮންސުލްސްއެއްގެ އެހީތެރިކަމާއެކު ހުޅުވާލާފައިވާ ފުރުސަތުތަކެކެވެ.

އެ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖެއިން ބޭރުގައި ދިވެހި ރައްޔިތުންނަށް ކޮންސިއުލަ ހިދުމަތްތައް ފޯރުކޮށްދިނުމުގައާއި ރާއްޖޭގެ އިގްތިސާދީ އަދި ސަގާފީ މަސްލަހަތުތައް ކުރިއެރުވުމާއި އެ ގައުމުތަކުގައި ރާއްޖެ އަދި ދިވެހިން ތަމްސީލުކުރުމުގައި އޮނަރަރީ ކޮންސުލްސް ތަކުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. އަދި ފެންވަރު ރަނގަޅު ތައުލީމަކީ ރާއްޖޭގެ ޒުވާނުންގެ ބޮޑު އާބާދީ އެމީހުންގެ މުސްތަގްބަލަށް ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ޓަކައި ކޮންމެހެން ބޭނުންވާ ކަމެއްކަން ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މި ސަރުކާރުގެ ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމުގެ ދަށުން 12،000 އަށްވުރެ ގިނަ ދަރިވަރުން އަންޑަގްރެޖުއޭޓް ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ ކަމަށާއި އަދި މިހާރު 2000 އަށްވުރެ ގިނަ ދަރިވަރުން ފުރަތަމަ ޑިގްރީ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން މަތީ ތައުލީމުގެ ސްކޮލަޝިޕްގެ އިތުރު ފުރުސަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށާއި އަދި 2023 ވަނަ އަހަރުގެ ނިޔަލަށް މަދުވެގެން 20،000 ދަރިވަރުންނަށް ހިލޭ މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދެވޭނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.