ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ދޫކޮށްލި މައްސަލަ ކޯޓުން ނިމެންދެން، އެ މައްސަލައާ ގުޅިގެން ދައުލަތުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން ހިޔާލު ފާޅުނުކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އައްމަޓީ މިދިޔަ މަހު ކްރިމިނަލް ކޯޓުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހުއެވެ. މީގެ ކުރިން ދެ ފަހަރަށް ކްރިމިނަލް ކޯޓުން އައްމަޓީ ދޫކޮށްލުމުން ވެސް، އޭރު އައްމަޓީ އަލުން ބަންދުކުރީ ހައި ކޯޓުގެ އަމުރަށެވެ. ނަމަވެސް އައްމަޓީ ބަންދުން ދޫކޮށްލި ތިން ވަނަ ފަހަރު އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރަން އެދުމުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ. އެހެންކަމުން ޕީޖީން ވަނީ ހައިކޯޓުން އެ މައްސަލަަ ބޭރުކޮށްލި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އައްމަޓީގެ ވަކީލް މަރިޔަމް ނިހާޔަތު ވިދާޅުވީ އައްމަޓީގެ މައްސަލާގައި ކޯޓާއި ފަނޑިޔާރުންގެ ހައިބަތަށް އުނިކަން ލިބޭ ގޮތަށް ސޯޝަލް މީޑިއާ އާއި ޓްވީޓާ އާއި އަމިއްލަ ބްލޮގްތަކުގައި ލިޔަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އައްމަޓީ ބަންދުން ދޫކޮށްލުމާ ބެހޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓާއި، ޝަމީމްގެ އަމިއްލަ ބްލޮގްގައި ވެސް އެންމެ ފަހު އައްމަތީ ދޫކޮށްލި މައްސަލައިގައި ގާނޫނީ ވާހަކަތައް ލިޔެފައިވާ ކަމަށް ނިހާޔަތު ވިދާޅުވިއެވެ.

މިދިޔަ އަހަރު ޝަމީމް ކުރެއްވި ޓްވީޓާ ހަވާލާ ދެއްވައި ނިހާޔަތު ވިދާޅުވީ ކަފާލާތުގައި މީހުން ބަންދުން ދޫކުރުމާއި ޖާމިނުކޮށް މީހުން ދޫކުރުމުގެ އުސޫލުތައް ރާއްޖޭގެ ފަނޑިޔާރުންނަށް ނޭނގޭ ކަމަށް ދޭހަވާ އިބާރާތަކުން ޝަމީމް ޓްވީޓް ކުރައްވާފައިވާ ކަމަށެވެ. އަދި އައްމަޓީގެ މައްސަލާގައި ދައުލަތުގެ ވަކީލުން ދަށު ކޯޓުގެ ފަނޑިޔާރަށް ހައި ކޯޓުގައި ތުހުމަތުތައް އަމާޒުކުރި ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޝަމީމްގެ ބްލޮގްގައި ލިޔެފައި ވަނީ އިލްމީ ބަހުސެއް ކުރުމުގެ ބަދަލުގައި ވަކި މައްސަލައަކާ ސީދާ ގުޅުވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައިވަނީ ކުށް ސާބިތުވުމުގެ ކުރިން ކޮންމެ މީހަކީ ކުށެއް ނެތް މީހަކަށް ބެލުމުގެ ހައްގު ގާނޫނު އަސާސީން ލިބިދޭ ކަމަށެވެ. އެހެންވެ ހައްގުތައް ހިމާޔަތް ކުރުމުގެ ޒިންމާ ގާނޫނީ ގޮތުން ހަވާލުވެފައިވާ ފަރާތްތަކުން އައްމަޓީގެ މައްސަލަ ކޯޓުން ނިމެންދެން އެކަމާ ގުޅިގެން ޚިޔާލު ފާޅު ނުކުރަން އެ އަމުރުގައި އަންގާފައިވެ އެވެ. އެހެންނަމަވެސް ޕީޖީއަށް އެ އަމުރުގައި ސީދާ އިޝާރާތެއް ނުކުރެއެވެ.

މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލިދާނެ އަމަލެއް ކަމުގައި ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.

އެ އަމުރު ނެރުއްވާފައިވަނީ ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ފަނޑިޔާރު މަހާޒް އަލި ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުއެވެ. މިއީ އެ ފަދަ އަމުރެއް ރާއްޖޭގެ ކޯޓަކުން ނެރުނު ދެވަނަ ފަހަރެވެ. މީގެކުރިން މިފަދަ އަމުރެއް ނެރުނީ ޓެރަރިޒަމްގެ ދައުވާލިބޭ މުހައްމަދު އަމީންގެ މައްސަލާގައި ސުޕްރީމް ކޯޓުންނެވެ. އެއީ އަމީންގެ ފޮޓޯއެއް އެޑިޓް ކުރުމަށްފަހު އޭނާ އާއި ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ކަމަށް ދޭހަވާ ފަދަ ޕޯސްޓެއް މީޑިއާއަކުން އާންމު ކުރުމުންނެވެ.