ސްވީޑަންގެ ޣައިރު މުސްލިމުން، ރާވައިގެން ކީރިތި ޤުރުއާން އަންދަމުންދާ މައްސަލާގައި، އެ ކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން، އިރާގާއި އީރާނުން ސްވީޑަންގެ މަންދޫބުން ހާޒިރު ކުރައްވައިފިއެވެ.

ސްވީޑަންގެ ހައްދު ފަހަނައަޅާފައިވާ ފާ ރައިޓް ސްޓްރޯމް ކާޒް (ހާޑްލައިން) ޕާޓީގެ ޑެންމާކު ލީޑަރު، ރަސްމުސް ޕަލޫޑާން، މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކީރިތި ޤުރުއާންގެ މުޞްޙަފެއް އަންދަލާފައެވެ. އޭނާ މިކަން ކޮށްފައި ވަނީ ސްވީޑަންގެ ލިންކޯޕިންގްގައި ކަމަށް މައުލޫމާތު ލިބެއެވެ.

އިރާގުގެ ފޮރިން މިނިސްޓްރީއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މުސްލިމުންގެ މުރީތި، ޤުރުއާންގެ މުޞްޙަފެއް އަންދާލާފައި ވާތީ، އެ ކަމުގެ ޝަކުވާ، ސްވީޑަން މަންދޫބަށް ހުށަހަޅުއްވާފައި ވާނެ ކަމަށެވެ.

އެފަދައިން ކީރިތި ޤުރުއާން އެންދުމަކީ ސްވީޑަންއާއި މުސްލިމުންގެ ގުޅުމަށް ނުތަނަވަސް ކަން ކުރިމަތި ކުރުވާނެ ކަމެއް ކަމަށް އިރާގުގެ ފޮރިން މިނިސްޓްރީއިން ވަނީ އިންޒާރު ކޮށްފައެވެ. އަދި ދީނީ ގޮތުން ހައްސާސީ ޖަޒުބާތުތަކާ ގުޅިފައިވާ މިފަދަ އަމަލުތައް ހުއްޓުމަށް ފިޔަވަޅު އެޅުމަށްވެސް އިރާގުން ވަނީ ސްވީޑަންގެ ސަރުކާރަށް ގޮވާލާފައެވެ.

ސްވީޑަންގެ ފާ-ރައިޓް ގުރޫޕުން ކީރިތި ޤުރުއާން އަންދަމުން ދާތީ، ސްވީޑަންގެ އާންމު މަސްރަހު ވަނީ ނުތަނަވަސް ވެފައެވެ. މަސްރަހު ހޫނުވެ، ކުރިމަތިލުންތަކެއް ހިންގި ކަމަށް ހަބަރު ލިބެއެވެ. ހަމަނުޖެހުންތައް 4 ދުވަހަށް ދިގުލާ ގޮސްފައި ވާއިރު 17 މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.