ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި ހަ މީހުންގެ ތެރެއިން އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

މީޑިއާތަކަށް ދެއްވި މައުލޫމާތުގައި ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަދި މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވީ، ޔާމީން މަރާލުމުގެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލަ ހައިކޯޓުގައި މިއަދު އިސްތިއުނާފު ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ދެ މީހުންނަކީ:

  • މުހައްމަދު ދިފްރާން، ސިންދުބާދުގެ / ގދ. ގައްދޫ
  • އިސްމާއީލް ރަޝީދު، މ. ތާއިފް

ޔާމީން މަރާލި މައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެ ދެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާއިރު، ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ އެ ދެ މީހުންގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށެވެ.

އެކަށީގެންވާ މިންވަރަށް ހެކި ނުލިބުމުން އެ މައްސަލާގައި ދެން ހިމެނޭ އަނެއް ދެ މީހުން ވަނީ ދޫވެފައެވެ، އެ ދެ މީހުންނަކީ:

  • ހުސައިން ޒިޔާދު، އީސްޓް / މ. ކޮޅުފުށި
  • ހަސަން ޝިފާޒް / މ. ކުދެހިގެ

ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ މ. ސްޕެޓޫލާގޭގެ ސިޑި ކައިރިން 2017 ވަނަ އަހަރުގެ އޭޕްރީލްގެ 23 ވަނަ ދުވަހުގެ ރޭގައެވެ. އެ މައްސަލާގައި ހަ މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލައިފައެވެ.