މިދިޔަ ހުކުރު ދުވަހު މަސްޖިދުލް އަގްސޯ މިސްކިތަށް ވަދެ އިޒްރޭލުގެ ސިފައިން ހިންގި ހަމަނުޖެހުންތައް ސަރުކާރުން ކުށްވެރިކޮށްފިއެވެ.

މުސްލިމުންގެ ތިން ހަރަމްގެ ތެރޭގައި ހިމެނޭ އަލް އަގްސޯ މިސްކިތަށް ވަދެ، އިޒްރޭލުގެ ސިފައިން ހަމަނުޖެހުން ހިންގައި، އެ މިސްކިތަށް އަޅުކަންކުރަން ދިޔަ ބައެއް މީހުން ހައްޔަރުކޮށްފައިވެއެވެ.

އިޒްރޭލު ސިފައިންގެ އެ އަމަލު ކުށްވެރިކޮށް ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ، އިޒްރޭލު ސިފައިން ހިންގާ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ސަލާމަތީ މަޖިލިހާއި، އާންމު މަޖިލީހުގެ ކަމާބެހޭ ގަރާރުތަކާ ހިލާފު އަމަލުތަކެއް ކަމަށާއި، އެ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ހުރަސް އެޅެމުންދާ ކަމަށެވެ.

އެއާއެކު، ސަރުކާރުން ވަނީ، ފަލަސްތީނުގައި މިނިވަން އަދި މުސްތަގިއްލު ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތަށް ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށް ބުނާ ބުނުން ތަކުރާރުކޮށްފައެވެ. އަދި މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ހައްލެއް ގެނެވެން އޮތީ 1967 ވަނަ އަހަރު ކަނޑައަޅާފައިވާ ގޮތަށް އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ހިމެނޭ ގޮތަށް އެ ގައުމުގައި މިނިވަން ދައުލަތެއް ގާއިމްކުރެވިގެން ކަމަށްވެސް ސަރުކާރުން ބުންޏެވެ.

އިޒްރޭލުގެ ސިފައިން ދޭތެރެއަކުން ފަލަސްތީނަށް ހަމަލަދެމުން ދާއިރު، މިދިޔަ ހުކުރު ދުވަހުވެސް އެ މިސްކިތަށް ވަދެ ހިންގި ހަމަނުޖެހުމުގައި 150 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ފަލަސްތީނުގެ މެޑިކްސް އާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.