2019 ވަނަ އަހަރު އަނިޔާވެރިކޮށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ވަޅިން ތިން މީހެއްގެ ޑީއެންއޭ ފެންނަ ކަމަށް ޑީއެންއޭ ތަހުލީލު ރިޕޯޓު ތައްޔާރު ކުރި އޮފިސަރު ބުނެފިއެވެ.

އދ މާމިގިލި/ ކަނީރުމާގެ 59 އަހަރުގެ ގާސިމް ހަސަން ކަރަށް ވަޅި ހަރައި މަރާލި މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑު އެހުމުގައި، ޑީއެންއޭ ތަހުލީލު ރިޕޯޓު ތައްޔާރު ކުރި އޮފިސަރު ހެކި ބަސް ދެމުން ބުނީ، ހާދިސާ ހިނގި ސަރަހައްދާއި، ގާސިމް ދުއްވި ކާރުން ނާއި އޭނާ މަާލަން ބޭނުން ކުރި ވަޅިން ސާމްޕަލްތަކެއް ނަގާފައިވާ ކަމަށާއި އޭގެތެރޭގައި ގާސިމްގެ ލޭގެ ސާމްޕަލްއެއް ވެސް ހިމެނޭ ކަމަށެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމު މުހައްމަދުގެ ޑީއެންއޭ ސާމްޕަލްއެއް މި މައްސަލައާ ގުޅިގެން ހުށަހަޅާފައި ނުވާ ކަމަށާއި ނަމަވެސް އެ ދުވަސްވަރު އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ފޭރުމުގެ މައްސަލައަކާ ގުޅިގެން ނަގާފައިވާ ރިފަރެންސް ސާމްޕަލް މި މައްސަލައިގައި ބޭނުން ކޮށްފައިވާ ކަމަށް އޮފިސަރު ބުނެއެވެ. ޑީއެންއޭ ސާމްޕަލްއަކީ ބަދަލުވާނެ އެއްޗެއް ނޫން ކަމުން ކުރިން ނަގާފައިވާ އަދުހަމްގެ ޑީއެންއޭ ސާމްޕަލް ފުދޭނެ ކަމަށް އޭނާ ބުނެއެވެ.

އެ ހާދިސާ ހިނގި ރޭ ހުޅުމާލޭގެ ގަސްތަކެއްގެ ތެރޭގައި ހުރި ވަޅުގަނޑެއްގެ ތެރެއިން ނެގި 12 އިންޗިީގެ ވަޅިން ސާމްޕަލްތަކެއް ނަގާފައިވާ އިރު، އޭގެ ތެރޭގައި 3 މީހެއްގެ ޑީއެންއޭ ހިމެނޭ ކަމަށް އޮފިސަރު ބުނެއެވެ. އެއީ އަދުހަމްގެ ޑީއެންއޭއާއި، ގާސިމްގެ ޑީއެންއޭ އާއި ކާކު ކަން ނޭނގޭ މީހެއްގެ ޑީއެންއޭއެއް ކަމަށް އޭނާ ބުނެއެވެ. މިއީ އާންމުކޮށް ދިމާވާ ކަމެއް ކަމަށާއި، ތަހުލީލުތަކުގައި އަޅާ ކިޔަނީ އެ ޑީއެންއޭ ޕްރޮފައިލްގައި ހިމެނޭ ފަރާތްތައް ކަމަށް ވެސް އޭނާ ބުނެއެވެ.

ދައުލަތުން މި މައްސަލައިގައި ޖުމްލަ 11 ހެކިބަސް ހުށަހަޅަން ވަނީ އެދިފައެވެ. މިއަދުވެސް ހެކިބަސް ހުށަހެޅުން ކުރިއަށް ދިޔަ އިރު ދެން އޮންނަ އަޑު އެހުމެއްގައި ވެސް ތިން މީހެއްގެ ހެކިބަސް ހުށަހެޅުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން ދެން ހެކިބަސް ދޭން ހަމަޖެހިފައި ވަނީ ޑޮކްޓަރަކާއި، ފުލުހުންގެ އޮފިސަރަކާއި އާންމުންގެ މީހެކެވެ.