އެމްޑީޕީގެ ދަޕްތަރުގައި ޕީޕީއެމްގެ 20،000 މެންބަރުން ހިމެނޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ފައްޔާޒު ކަންބޮޑުވުން ފާޅުކުރެއްވީ އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ކެމްޕެއިނަށް އދ. މަހިބަދުއަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. އަދި މެމްބަރުންގެ ސައްހަކަން ކަށަވަރު ނުކުރެވި އޮތުމަކީ މައްސަލައެއް ކަމަށާއި އެމްޑީޕީ މީހުން އެކަނި އެ ދަފްތަރުގައި ބައިތިއްބަން ވަރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޒާރު ވަނީ އެ ޕާޓީގެ ދަފްތަރުގައި 94،000 މީހުން ތިބިއިރު، ޕާޓީގެ ރައީސް ކަނޑައަޅަން ނުވަތަ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅަން އަދި އެ ޕާޓީން ރައްޔިތުންގެ މަޖިލީހަށް ނުކުންނާނެ ކެންޑިޑޭޓު ހޮވަން އޭގެތެރެއިން ޕީޕީއެމްގެ 20،000 މީހުންނަށް ވޯޓު ދެވޭ ކަމަށް ވިދާޅުވެފައެވެ.

ޕީޕީއެމްގެ މީހުންނަށް އެ ޕާޓީގެ މީހުންނާ ވާދަކުރަން އެމްޑީޕީއިން ނިކުންނަ ކެނޑިޑޭޓެއް ކަނޑައަޅަން ފުރުސަތު ލިބޭ ކަމަށާއި އެހެންކަމުން ޕާޓީގެ ގޮތް ނިންމަނީ ޕީޕީއެމް މީހުން ކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑު މި ހުށައަޅަނީ އެހެން ޕާޓީއެއްގެ ދަފްތަރުގައި އޮވެއްޖެއްޔާމުން، އަޅުގަނޑުމެން ޕާޓީން ވަކިކުރާނަމޭ ނޫނިއްޔާމުން ޖެހޭނީ މި ދަފްތަރަށް ވަންނަން"
ފައްޔާޒު އިސްމާއިލް

އިލެކްޝަން ކޮމިޝަނުގައި މިދިޔަ ފެބުރުއަރީ މަހުގެ 15ގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބީ 54،782 މީހުން ކަމަށް ވިޔަސް ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލާން 94،214 މެމްބަރުން އެބަތިއްބެވެ.

ފައްޔާޒު އަންނަނީ ޗެއާޕާސަން ކަމަށް ހޮވިވަޑައިގެންފިނަމަ އެމްޑީޕީގެ ސައްހަ ދަފްތަރެއް ކަނޑައަޅައި ރަނގަޅު އިންތިޒާމެއްގެ ތެރެއިން ބެލެހައްޓާނެ ކަމަށް ވައުދުވެވަޑައިގަންނަވަމުންނެވެ.