ކޫއްޑޫގައި މަސް ކިރުމަށް ގެނައި ބަދަލާއެކު އިހުތިޖާޖު ހޫނުވެ، އިހުތިޖާޖު ހުއްޓުވަން ފުލުހުން ނިކުމެއްޖެއެވެ.

ކޫއްޑޫގައި މިވަގުތު ހުރި މަސްވެރިއެއް ކަމަށްވާ މުހައްމަދު މުއްދައްސިރު "ދަ ޕްރެސް" އާ ވާހަކަ ދައްކަމުން ބުނީ ފުލުހުން ޝީލްޑްގައި ނިކުމެއްޖެ ކަމަށެވެ.

މީގެ ކުރިން ކޫއްޑޫގައި މަސް ކިރަމުން އައީ ދޯންޏަކުން ދުވާލެއްގެ މައްޗަށް 5 ޓަނުގެ މަގުންނެވެ. އެހެންނަމަވެސް މިއަދު ބޭއްވި ބައްދަލުމަކުން އެ އުސޫލު ބަދަލު ކުރީ ކިޔު ތަރުތީބުން ކޮންމެ ދޯންޏެއްގައި ހުންނަ ހުރިހާ މަހެއް ކޫއްޑޫގެ ކެޕޭސިޓީ ފުލް ވަންދެއް ކިރުމަށެވެ.

އެގޮތަށް ބަދަލުކޮށް މަސް ކިރަން ފެއްޓިތަނާ އައި ދޯންޏަކުން މަސްނުކިރޭނެ ކަމަށް ބުނެ ކައްޓާ މައްޗަށް އަރާ ތިބުމުން މަސްކިރުން ހުއްޓާލީ ކަމަށް މުއްދައްސިރު ވަނީ ބުނެފައެވެ.

މުއްދައްސިރު ބުނީ އެ ހަމަނުޖެހުންތަކާ އެކު 5 ޓަނު ކިރާގޮތަށް އޮތް އޮތުން ދޫކޮށްލައި ހުރިހާ މަހެއް ކިރަން ފެށިނަމަވެސް މައްސަލަ ހޫނުވުމުން އަނެއްކާ 5 ޓަނަށް ބަދަލުކޮށްފައިވާ ކަމަށާއި މިހާރު މަސްވެރިންނާއި މަސްވެރިންނާ ދެމެދު މައްސަލަ ހޫނުވެފައިވާ ކަމަށެވެ. އަދި އެއްބަޔަކު 5 ޓަނަށް ކިރަން ބޭނުން ވާއިރު އަނެއް ބަޔަކު ހުރިހާ މަހެއް ކިރަން ބޭނުންވާ ކަމަށް ވެސް މުއްދައްސިރު ބުނެއެވެ.

މުއްދައްސިރު އިތުރަށް ބުނީ ކިޔުގައި މިހާރު ވެސް 3 ދޯނި އޮތްއިރު އެއް ދޯނީގައި 12 ޓަނު އަދި އަނެއް ދެ ދޯނިން ކުރެ ކޮންމެ ދޯންޏެއްގައި 30 ޓަނު މަސް އެބަހުރި ކަމަށެވެ. އަދި އެ ހުރިހާ މަހެއް ކިރަން ދެން އިހުތިޖާޖު ކުރިއަށް ދާނެ ކަމަށް އިހުތިޖާޖުގެ ބައިވެރިން ބުނަމުން ދާއިރު އެ މަސްތައް ނުކިރާހާ ހިނދަކު ދޯނިފަހަރު ދުރު ނުކުރާނެ ކަމަށް ވެސް އިހުތިޖާޖުގެ ބައިވެރިން ބުނަމުން އަންނަ ކަމަށް މުއްދައްސިރު ބުންޏެވެ.