ގާނޫނާ ހިލާފު ކަންކަން މިއަދު ކްލބްތަކުން ކުރާއިރު ގާނޫނު ތަންފީޒް ކުރަން ތިބި ފަރާތްތައް "ހައްޕު" ކިޔައިގެން ތިބޭ ކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް އަދި ނިއުރޭޑިއަންޓްގެ ކުރީގެ ޗެއާމަން އާދަމް މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ، ހަރަދުތަކެއް ކޮށް ވެލެންސިއާ އޭއެފްސީ ކަޕަށް ނުދިއުމުން ޔޫތު މިނިސްޓްރީއިން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރުމާ ގުޅިގެންނެވެ. އެސޯސިއޭޝަނެއް ވިޔަސް، ކްލަބެއް ވިޔަސް، ގާނޫނާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިއްޔެ ގާނޫނާ ހިލާފު ކަންކަން ކުރީ އެސޯސިއޭސަން ކަމަށާއި މިއަދު ކްލަބްތަކުން ގާނޫނާ ހިލާފު ކަންކަން ކުރާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެ ފަދަ މައްސަލަތައް ހިނގަމުން އަންނަ އިރު ގާނޫނު ތަންފީޒު ކުރާ ފަރާތްތައް ތިބެނީ ނިދާފައި ކަމަށް އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އޭއެފްސީ ކަޕާ ދިމާކޮށް މި ފަހަރު ވެލެންސިއާ އަށް ފައިސާ ދީފައިވާ ކަމަށް ޔޫތް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނާ އިރު، މީގެ ކުރިން ކްލަބް ވެލެންސިޔާއަށް ފައިސާ ދޫކުރީ ކިހިނެއް ކަމާ މެދު އާޒިމް ސުވާލު އުފެއްދެވިއެވެ.
އޭޕްރީލް 12 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ދަތުރު ކުރުމަށްޓަކައި ޓީމުގެ ޓިކެޓާއި އެކޮމޮޑޭޝަން ފައިސާ ހަމަޖައްސައި ދިނުމަށް އެދި އެ މިނިސްޓްރީއަށް ކްލަބް ވެލެންސިއާ އިން އޮތީ ހުށަހަޅާފައެވެ. އެގޮތުން ޖުމްލަ 27 ކުޅުންތެރިންނާއި އޮފިޝަލުންގެ ޓިކެޓަށް 28809 ޑޮލަރު އަދި އެކޮމޮޑޭޝަންއަށް 4731.36 ޑޮލަރު ޖުމްލަ 33,540.36 ޑޮލަރު ހަރަދުވާތީ އެ ފައިސާ އޭޕްރީލް 7 ވަނަ ދުވަހު ކްލަބު ވެލެންސިއާއަށް ޖަމާކޮށް ދިނުމަށް މަސައްކަތް ކުރި އިރު، ކުލަބުގެ އެކައުންޓެއް ނެތުމުން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރަން މަސައްކަތް ކުރި ކަމަށް ޔޫތް މިނިސްޓްރީން ބުނެފައި ވެއެވެ.
އެހެންނަމަވެސް އޭޕްރީލް 8 އަދި 9 ވަނަ ދުވަހަކީ ހަފްތާ ބަންދަށް ވުމާއެކު ވެލެންސިއާއިން 9 ވަނަ ދުވަހުގެ ރޭ އަލުން އެ ޓިކެޓް ނަގައި ދިނުމަށް އެދުމުން ހަމަ އެރޭ ވަގުތުން ޓިކެޓް ނަގައިދީފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެކޮމޮޑޭޝަންގެ ފައިސާ އެ ކްލަބާ ހަވާލުކޮށްފައި ނުވަނީ އެ ފައިސާ އާންމު އުސޫލެއްގެ ގޮތުން ހަމަޖައްސައި ދެވެނީ ފައިސާއަށް އެދޭތާ 14 ދުވަހުގެ މުއްދަތެއްގައި ކަމަށް ވާތީ ކަމަށެވެ. ނަމަވެސް ޓިކެޓް ނަގައި ދިނުމުން ވެސް ވެލެންސިއާ އެ މެޗަށް ދިއުމަށް ދަތުރުކޮށްފައެއް ނުވެއެވެ.
އެގޮތުން އެ ޓިކެޓްތަކަކީ ނޮންރިފަންޑަބަލް ޓިކެޓް ކަމުން ފަސްޓް ޑިވިޝަން ކުލަބްތަކަށް ދޫކުރަމުން އަންނަ ފައިސާގެ ތެރެއިން ކުލަބް ވެލެންސިއާއަށް ދޫކުރާ ފައިސާ، ކުރިއަށް އޮތް ތަނުގައި ދޫކުރާނީ ޓިކެޓަށް ހަރަދު އުނިކުރުމަށް ފަހުގައި ކަމަށް ޔޫތް މިނިސްޓްރީން ބުނެފައި ވެއެވެ.